ޚަބަރު

މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިބަމަ ގްރޫޕުތައް ޤާއިމްކުރެވޭނެ


  • 5 އަތޮޅެއްގައި އިބަމަ ގްރޫޕުތައް އަދި ޤާއިމްކުރެވިފައެއްނުވޭ

  • ނާޒުކު ޙާލަތްތަކުގައި އުޅޭ މީހުން ދެނެގަތުމަށް ޕްރޮގުރާމެއްދަނީ ހިންގަމުން

  • މި ޕްރޮގުރާމު ނިމުމުން އެހީ ބޭނުންވާ މީހުންނަށް ޕްލޭނެއް އެކުލަވާލެވޭނެ

މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިބަމަ ގްރޫޕުތައް ޤާއިމްކުރެވޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޙުސައިން އަކްރަމް ވިދާޅުވީ، މިހާތަނަށް އިބަމަ ގްރޫޕްތައް ޤާއިމްކޮށްފައިވަނީ 15 އަތޮޅެއްގެ 129 ރަށުގައި ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އިބަމަ ގްރޫޕުތައް ޤާއިމްކުރެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އިބަމަ ގްރޫޕުތަކާއި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ މުވައްޒަފުން ގުޅިގެން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެނީ ކޮން ފަރާތްތަކެއްތޯ ދެނެގަތުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން އެކަނިވެރި މައިންނަށް އެމީހުންނަށް ލިބެންޖެހޭ އިނާޔަތްތައް ލިބޭތޯ ކަށަވަރުކުރުމާއި، ދާންމަތިވެފައިތިބި މީހުންނަކީ ކޮބައިތޯ ބަލައި އެމީހުންނަށް ލިބެންޖެހޭ އަޅާލުން ލިބޭތޯ ކަށަވަރުކުރެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މީހުންގެ މާލީ ހާލަތާއި އެމީންނަށް ތަޢުލީމު ލިބިފައިވާ މިންވަރު ބަލައި، އެސެސްމެންޓް ޓޫލެއް ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއް ކުރެވޭނެ ކަމަށެވެ.

ނާޒުކު ޙާލަތްތަކުގައި ދިރިއުޅެނީ ކޮން ފަރާތްތަކެއްތޯ ދެނެގަތުމަށް ފަށާފައިވާ މަސައްކަތް މިހާރު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިއަށްގެންދަނީ ށ. އަތޮޅުގެ ރަށްތަކުގައެވެ. އެގޮތުން ށ. އަތޮޅުގެ 6 ރަށެއްގައި މި މަސައްކަތް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ 6 ރަށަކީ ކަނޑިތީމާއި، ޅައިމަގާއި، ނޫމަރައާއި، މަރޮއްޓާއި، ކޮމަންޑޫގެ އިތުރުން ބިލެއްފަތްސެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި މަސައްކަތާއެކު ކޮންމެ ރަށެއްގައިވެސް ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މީހުންނަށް އެހީވާން ޚާއްޞަ ޕްލޭނެއް އެކުލަވާލެވި، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވާނެ ކަމަށެވެ.