ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާތަނަށް މަސައްކަތް ނުކުރެވޭވަރަށް މަސައްކަތްކޮށް، ކުޅިވަރަށް އިންގިލާބީ ކުރިއެރުންތަކެއް ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ޕެރިސް އޮލިމްޕިކްސް 2024" ދިވެހިރާއްޖޭގެ ދިދަ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން 5 އެތުލީޓުން ބައިވެރިވެއެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ކުޅިވަރު ކުރިއެރުވުމަށް ލިބޭ ބޮޑު ހިތްވަރެއްކަމަށެވެ. އޮލިމްޕިކްސްގައި ބައިވެރިވާ 5 އެތުލީޓުންނަށްވެސް ހިތްވަރުދެއްވަމުން ރައީސް ވަނީ ރާއްޖެއަށް ގެނެސްދެވެން އޮތް އެންމެ ރީތި ނަމެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ރިތި ނަން ހޯދައިދިނުމަށް އެންމެ ފުރިހަމައަށް އެ އެތުލީޓުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
އެ ފަސް އެތުލީޓުންނަށް މިހިސާބަށް އާދެވޭނީ ވަރަށް ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ ރައީސް ވަނީ ކުރިއަށް އޮތްތަނަށް މިއީ ވަރަށް މުހިންމު ފެށުމެއްކަމަށް ބެލުމަށް އެދިވަޑައިގެންފައެވެ. ރާއްޖޭގައި އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރައްވާކަމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭނެ ފެންވަރަށް ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިފަހަރު މިބައިވެރިވާ 5 ކުޅިވަރުގެ އިތުރުން އަދި ކުރިއަށް އޮތް މުބާރާތްތަކުގަ އިތުރު ކުޅިވަރުތަކަށް ރާއްޖޭގެ ފަރާތުން އެތުލީޓުންނަށް ބައިވެރިވެވޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށް ގެންދިއުމަކީ ޢަމާޒެއް. ސަރަހައްދީ ފެންވަރުގައާ ބައިނަލްއަޤްވަމީ މައިދާނުގައި އޮލިމްޕިކްސްއާ އެހެނިހެން މުބާރަތްތަކުގަ ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުންނަށް ބައިވެރިވުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާ ފުރުޞަތު އިތުރުކުރުމަށްޓަކައި ރާއްޖެއިން ބޭރުންވެސް ކުޅިވަރު ކުރިއެރުވުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނެގޮތަށް ތަރުތީބުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
President Dr @MMuizzu attends the Flag Bearer Awarding Ceremony for Team Maldives at the opening ceremony of the "Paris 2024 Olympics."
— The President's Office (@presidencymv) July 21, 2024
Fathimath Dheema Ali and Ibadulla Adam were honoured with the prestigious opportunity to carry the national flag during the Opening Ceremony of… pic.twitter.com/TSbJ88SS2y
ރާއްޖޭގައި ކުޅިވަރުގެ ޢުމްރާނީ ވަސީލަތް އިތުރުކުރުމަށް އަންނަ އަހަރުން ފެށިގެން ކުޅިވަރުގެ ވުޒާރާގެ ބަޖެޓުގައި ވަރަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރު ކުރިއެރުވުމަށް މިހާތަނަށް މަސައްކަތް ނުކުރެވޭވަރަށް މަސައްކަތްކުރާނެކަމަށާއި، ރާއްޖޭގެ ތާރީޚުގައި ނުދެކޭ ފެންވަރަށް ކުޅިވަރުތައް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ކުރިއެރުމަށް ގެނައުމަށް މަސައްކަތްކުރައްވާނީ ކުޅިވަރުގެ ޢާއިލާގެ އެއްބާރުލުމާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.