ޚަބަރު

ތަޖުރިބާކާރު ނިއުރޯސާޖަން ޑރ. ނިޔާފް ސަރުކާރުގެ މައި ހޮސްޕިޓަލަށް


  • ޑރ. ނިޔާފަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން

ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން ޑރ. ޢަލީ ނިޔާފް، އޭޑީކޭ އިން ވަކިވެވަޑައިގެން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ ގުޅިވަޑައިގެންފިއެވެ.

ޑރ. ނިޔާފް ވަނީ 9 އަހަރަށްވުރެ ގިނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި ޚިދުމަތްކުރައްވާ، ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، ޑރ. ޢަލީ ނިޔާފް އައިޖީއެމްއެޗާ ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޑރ. ނިޔާފާއެކު ހޮސްޕިޓަލްގެ ޤާބިލުކަން އިތުރުވެ، ބަލިމީހުންނަށް ރަނގަޅު ފަރުވާތަކެއް ފޯރުކޮށްދިނުމުގެ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ ޑރ. ނިޔާފްގެ ޚިދުމަތަށް ޝުކުރު އަދާކުރައްވައި، ނިއުރޯސާޖަރީ ޑިޕާޓްމަންޓުގެ ކާމިޔާބީގައި ނިޔާފްގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ. އެ ޑިޕާޓްމަންޓާއި އޭޑީކޭގެ "ޢާއިލާ"ގައި ވެސް ނިޔާފަށް ޚާއްސަ މަގާމެއް އޮންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ހޮސްޕިޓަލުން ވެސް ވަނީ ޑރ. ނިޔާފްގެ ކުރިއެރުމަށް މަރުހަބާ ކިޔާފައެވެ.

ޑރ.ޢަލީ ނިޔާފަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން ގެ އިތުރުން، ނިއުރޯސާޖަރީއާ ގުޅޭ އެކިއެކި ދާއިރާތަކުން ދިރާސާ ހައްދަވައި ދިރާސާތަކުގެ ނަތީޖާ ޝާއިއު ކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ. އޭނާ ވަނީ، އެމެރިކާ، ރަޝިއާ، އިންޑިއާ އަދި ބްރެޒިލްގެ އިތުރުން ނޭޕާލުން ތަޢުލީމާއި ތަމްރީން ހާސިލްކުރައްވާފައެވެ.