ޔޫރަޕުގެ ޤައުމުތަކުގައި ބޭނުންކުރަން އެޤައުމުތަކުން ހުއްދަ ދީފައިވާ ފެންވަރު ރަނގަޅު ޑޮކްޓަރީ ބޭސް ހެޔޮއަގުގައި ރާއްޖެއިން ލިބޭނޭގޮތް ސަރުކާރުން ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން، ސަރުކާރުން މިކަން ހަމަޖެއްސެވީ ސީދާ ބޭސް އުފައްދާ ކުންފުނިތަކުން ބޭސްގަނެގެން ރާއްޖެ ގެންނަގޮތަށެވެ. މިއާއެކު ބޭސް އުފެއްދުމުގެ މަރުޙަލާއިން ފެށިގެން ބަލިމީހާގެ އަތަށް ބޭސް ލިބުމާހަމައަށް ބޭހުގެ ރައްކާތެރިކަމާއި ކޮލިޓީ ދިވެހިސަރުކާރުން ކަށަވަރުކުރާނެއެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހައި ބޭހެއް، މިނިޒާމުގެ ތެރެއިން ދަތިކަމެއް، މެދުކެނޑުމެއްނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެއެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހާމެދު އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް އޮވެއެވެ. ބޭސް ލިބުމުގައި ހުންނަ ދަތިތަކުގެ ވާހަކައެވެ. އަދި ބައެއް ބޭސްތައް އަގުބޮޑުވުމާއި ކޮލިޓީގެ ޝަކުވާތަކެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު އަސާސީ ހުރިހާ ބޭހެއް ލިބޭކަށް ނުހުރެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރިޔަސް ބޭސް ގަންނަން ޖެހެނީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ.
މާނައަކީ ބޭސް އުފައްދާ ކުންފުނިން ރާއްޖެއަށް ސީދާ ބޭސް ނުލިބުއެވެ. މިގޮތަށް ބޭސް ގެންނަންޖެހުމުން ދުނިޔޭގެ ނިސްބަތަށްވުރެ ރާއްޖޭގައި ބޭހުގެ އަގު 15 ގުނަ ބޮޑުވެގެންދެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު 70 ގުނަ އަގުބޮޑުވެގެންދެއެވެ.
ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކަށް ވެވަޑައިގެންނެވީ ޙައްދެއް ނެތި ބޮއްސުންލާފައިވާ ޒަމާންވީ މައްސަލައަށް ޙައްލެއް ގެނެސް ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމެއް ގެނެސްދެއްވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ރިޔާސީ ވަޢުދުފުޅުގެ ދަށުން ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މާލީ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމާއެކު އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ލިބިގެންދާނެއެވެ.
މި ނިޒާމުގެ ތެރެއިން ގެންނަނީ ޔޫރަޕްގެ ޤައުމުތަކުގައި ބޭނުންކުރުމަށް އެ ޤައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސްތަކެވެ. މި ބޭސްތައް ރާއްޖެއަށް ގެންނަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
• މިއަހަރު ފުރަތަމަ 7 ބޭސް ދައުރުކުރަން ފަށާނެ
• ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަ ކުރާނެ
• އެއަށްފަހު އިތުރު 3 ބޭސް ދައުރު ކުރާނެ
• ގިނަ ބޭސްތައް ބަލްކް ޕްރޮކިއުމަންޓް ކުރުން
• ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް ނިޒާމުގެ ތެރެއަށް ގެނައުން
ސަރުކާރުން ވަނީ މި މުހިންމު މަސައްކަތް ތަންފީޒު ކުރާނެ ގޮތުގެ މަގު ޗާޓެއް ވެސް ދެ މަރުހަލާއަކަށް އެކުލަވާލާފައެވެ. އެގޮތުން ފުރަތަމަ މަގުޗާޓަށް މިއަހަރުގެ ޖުލައި މަހު ޢަމަލު ކުރަން ފަށާފައިވާއިރު ދެވަނަ މަގުޗާޓަށް އޮކޓޫބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފަށާނެއެވެ.
• ބޭސް ލިބެން ފެށުން
• ޑޮކްޓަރުން ބޭސް ލިޔާގޮތަށް ބަދަލު ގެންނަން ފެށުން
• އަމިއްލަ ވިޔަފާރީތަކަށް ސްޓޮކާ ގުޅޭގޮތުން ދުރާލާ އެނގުން
• އާސަންދައިގެ އަސާސީ އަގަށް ބަދަލު ގެނައުން
• ބްރޭންޑަޑް ބޭހެއް ނަމަ ޚާއްސަ ސަބަބެއް އޮންނަން ޖެހޭ
• އަސާސީ އަގަށްވުރެ ބޮޑުނަމަ އެ މިންވަރު އަމިއްލަ ޖީބުން ދައްކަންޖެހޭ
ދައުލަތުގެ ބޭސްފަރުވާގެ ނިޒާމް، އާސަންދަ ސްކީމުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭހަށްކަމަށާއި، ބަޖެޓުގެ 65 އިންސައްތަ އެކަމަށް ޚަރަދުވާކަމަށް އާސަންދަ ކުންފުނިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ބޭސް ލިސްޓުގައި މިހާރުވެސް 14000 އަށްވުރެ ގިނަ ބްރޭންޑްތަކުގެ ބޭސް ހިމެނެއެވެ. ޔޫރަޕްގެ ކޮލިޓީ ބޭސް ހެޔޮ އަގެއްގައި ރާއްޖެއަށް އެތެރެ ކުރަން ފެށުމާއެކު ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ސަލާމަތްވެގެންދެއެވެ. މިއާއެކު ބޭހުގެ އަގު ކޮންޓްރޯލް ކުރެވި، ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ ލިބިގެންދާނެއެވެ.
ސަރުކާރުގެ މި ނިންމުމާއެކު ބޭހުގެ އަގު ކޮންޓްރޯލްވެގެންދާނެއެވެ. އަދި ބޭހުގެ ވިޔަފާރީގެ ބޭނުމަށް ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަވެ، އާންމު ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ޖާގަ ލިބިގެންދާނެއެވެ. މީގެ އިތުރުން ބޭސް އުފެއްދުމާއި ހަމައިން ފެށިގެން ބަލިމީހާ އަތަށް އެ ބޭސްގުޅަ ލިބުމާއި ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެއެވެ. މިކަންތައްތައް ޔަޤީން ކުރަނީ ޑަބަލް ވެރިފިކޭޝަންގެ ތެރެއިންނެވެ.
އާސަންދައިގެ އަސާސީ އަގު ސަރުކާރުން ކަނޑައަޅާފައިވަނީ ރީޓެއިލް ފައިދާއާއެކުގައެވެ. އަދި އެސްޓީއޯއިން ގަނެ، އަމިއްލަ ފާމަސީތަކަށް ފައިދާއަކާއެކު ވިއްކޭނެއެވެ. ނަމަވެސް ކުރިން ނަގަމުންދިޔަގޮތަށް އިންތިހާ ބޮޑު ފައިދާއެއް ނުނެގޭނެއެވެ. މި ބޭސްތައް އެސްޓީއޯ އިން ހޯލްސޭލް އަދި ރީޓެއިލް ވެސް ކުރާނެއެވެ.
މި ސަރުކާރުގެ ދުރު ވިސްނޭ ސިޔާސަތާއެކު މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލުކުރެވިފައި ނުވާ މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި މި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިކަން އެއްކޮށް ތަންފީޒުވެގެންދިޔުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ކަށަވަރުވެގެންދާނެއެވެ.