ޚަބަރު

ފައިނަލަށް ކިރްގިސްތާނާއި ލަންކާ، ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާއި ނޭޕާލް


ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ކިރްގިސްތާނާއި ލަންކާ ބައްދަލުކުރާއިރު، ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާއި ނޭޕާލް ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ފައިނަލަށް ލަންކާ ދަތުރުކޮށްފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-09، 25-08 އަދި 25-07 އިންނެވެ.

ލަންކާއާއެކު ފައިނަލުގައި ބައްދަލުކުރާނެ ޓީމަކަށް ކިރްގިސްތާނު ވެފައިވަނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ނޭޕާލާއި ވާދަކޮށް ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-14 ، 25-22 އަދި 25-13 އިންނެވެ. މި މެޗުގައި ނޭޕާލުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މި މެޗުން ބަލިވުމާއެކު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ނޭޕާލް ބައްދަލުކުރާނީ ރާއްޖެއާއެވެ.

ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދާ މި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އަދި ކިރްގިސްތާނާއި ސްރީ ލަންކާ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. މި ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.