ޚަބަރު

ދެމެހެއްޓެނިވި ގޮތެއްގައި ސިޑްސްގެ ޤައުމުތަކަށް، ފައިސާގެ އެހީ ލިބެންޖެހޭ: ވަޒީރު ހައިދަރު


  • ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަންދެވޭނެ ގޮތްތަކެއް އެކަށައަޅަންޖެހޭ

  • ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤާބިލްކަން އިތުރުކުރަންޖެހޭ

ސްމޯލް އައިލެންޑް ޑިވެލޮޕްމެންޓް ސްޓޭޓްސް، ސިޑްސްގެ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިނެންސް ލިބެންޖެހޭކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިތިއޯޕިއާގައި މިހާރު ކުރިއަށްދާ 4 ވަނަ ފައިނެންސިން ފޯ ޑިވެލޮޕްމެންޓް، އެފްއެފްޑީ ކޮންފަރެންސްގައި ރާއްޖެ ތަމްސީލްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު ސިޑްސްގައި ހިމެނޭ ޤައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް އޮންނަ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަންދެވޭނެ ގޮތްތަކެއް އެކަށައަޅަންޖެހޭކަމަށެވެ.

މީގެއިތުރުން ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް ޤާބިލްކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރު ޑރ. އަލީ ހައިދަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ބޭއްވި 4 ވަނަ ސިޑްސް މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ލިބެންޖެހޭކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފައެވެ.

އެގޮތުން ތަރައްޤީގެ ރޮނގުން އައު އުސްމިންތަކަށް ވާސިލުވުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.