ޚަބަރު

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ޕެރިހަށް


  • ނައިބު ރައީސްގެ މި ދަތުރުފުޅަކީ ފަރަންސް ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

މިއަހަރުގެ އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ފްރާންސްގެ ވެރިރަށް، ޕެރިހަށް ފުރާވަޑައިގަންނަވައިފިއެވެ.

ޕެރިހުގައި ބާއްވާ މިއަހަރުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރުދުވަހުއެވެ.

ރައީސް އޮޕީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ޕެރިހަށް ވަޑައިގަންނަވަނީ ފަރަންސްގެ ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ދެއްވި ދައުވަތެއްގައިކަމަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާއި ބައްދަލުކުރައްވާނެއެވެ.

ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން 4 ކުޅިވަރަކުން 5 އެތުލީޓުން މިފަހަރު ބައިވެރިވެއެވެ. ރާއްޖެއިން ބައިވެރިވާ ކުޅިވަރުތަކަކީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

"ޕެރިސް އޮލިމްޕިކްސް 2024" ދިވެހި ދިދަ ރާއްޖޭގެ ކޮންޓިންޖެންޓާއި ހަވާލުކުރެއްވީ މިދިޔަ އާދީއްޔަދުވަހު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕެރިސް 2024 އޮލިމްޕިކްސް"ގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރުދެއްވައި ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ.