ރާއްޖޭގައި ވިޔަފާރިތައް ޤާއިމްކުރާ އިންވެސްޓަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުން މުހިއްމުކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވެއްޖެއެވެ.
މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙު މިކަމަށް ގޮވާލެއްވީ މަސީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު މިހާރު ހިފެހެއްޓިފައި އޮތީ ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ކަމަށެވެ. އަދި ފްރައިވެޓް ސެކްޓަރގައި ކުރެވޭ އިޤްތިސާދީ މަސައްކަތަކީ މިއަދު ރާއްޖޭގެ އިޤްތިސާދު ހިފެއްޓުމަށް ކުރެވޭ އެންމެ ބުރަ މަސައްކަތްކަމަށްވެސް ޖަނާހް ވިދާޅުވިއެވެ. އެހެންކަމުން އިންވެސްޓަރުންނަށް ވީހާވެސް ލުއިގޮތް ހޯއްދަވައިދެއްވާ އެބޭފުޅުން ބޭނުންވާ ހުއްދަތައް ދޫކުރުމުގައި ފަސޭޙަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވުމަށް ޖަނާހު ގޮވާލެއްވިއެވެ.
"ބޭރުގެ އަދި ރާއްޖޭގެ އިންވެސްޓަރުންނަށް ވީހާވެސް ލުއިގޮތް ހޯއްދަވައިދެއްވާ ވީހާ ވެސް އަވަހަކަށް އެ ބޭފުޅުންނަށް ބޭނުންވާ ހުއްދަތައް ދޫކުރައްވާ އެ މަސައްކަތް ހަލުވި ސްޕީޑުގައި ކޮށްދެއްވުމަކީ އަޅުގަނޑު މަސީގެ ރައީސްގެ ހައިސިއްޔަތުން ދިވެހި ސަރުކާރަށް ގޮވާލާ ކަމެއް" ޖަނާޙު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ އިންޑަސްޓްރީތަކަށް ބަލާއިރު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށްވުރެ ގޮންޖެހުން ބޮޑު އިންޑަސްޓްރީއެއް ނެތްކަންވެެސް ޖަނާޙު ފާހަަގަކުރެއްވިއެވެ.
"އިމާރާތް ކުރުމުގެ މަސައްކަތަކީ އެހާ ފަސޭހަކަމެއް ނޫން. އެ ޗެލެންޖް ނަގަން ކެރޭ ކުޅަދާނަ ކޮންޓްރެކްޓަރުން ރާއްޖޭގައި ތިބީ، ރާއްޖެއިން ބޭރުގެ ތިބި ކޮންޓްރެކްޓަރުންނާއި ހިލާފަށް ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ދިމާވާ ގޮންޖެހުންތައް މާގިނަ. ލޮޖިސްޓިކްސް އިންތިޒާމު ހަމަޖެއްސުމަކީ އެހާ އުނދަގޫކަމެއް. ފައިސާ ލިބުމުގައި ހުރި ދަތިކަމުގެ ގޮންޖެހުންތައް ގިނަ" ޖަނާޙު ވިދާޅުވިއެވެ.
ޖަނާޙު ވިދާޅުވީ ފައިނޭނަޝަލް މާކެޓް އޮތް ހާލަތުގެ ސަބަބުން ވަގުތުން ވަގުތަށް ފައިސާ ނުލިބޭތީ ކޮންޓްރެކްޓަރުންނަށް ކުރިމަތިވާ ދަތިތައް ގިނަ ކަމަށެވެ. އަދި އެ ދަތިތައް އޮތްނަމަވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުންނަކީ އިހުތިޖާޖު ކުރާ ބައެއް ނޫންކަންވެސް ޖަނާޙު ފާހަގަކުރެއްވިއެވެ.
ޖަނާޙު ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި ޑިޕްލޮމަސީގެ ރީތި އުސޫލު ބޭނުންކޮށްގެން އަޑު އިއްވަން ޖެހޭ ފަރާތްތަކަށް އިންޑަސްޓްރީގެ ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށެވެ. އަދި އެކަތިގަނޑެއްގެ ގޮތުގައި ތިބިގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ދަތިތަކުން އަރައިގަނެވޭނެކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.
މީރުމާގައި ބޭއްވި މަސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ހިންގާ ކޮމިޓީގެ ބޯޑުގައި އަންހެން 3 މެމްބަރުން ހިމެނުމަށް ލާޒިމްކޮށް، ބޯޑަށް 18 މެމްބަރުންވެސް އިންތިޚާބުކޮށްފައެވެ.