ޚަބަރު

ސުޕްރީމް ކޯޓުންވެސް ޢަލީ ޒާހިރަށް ނާކާމިޔާބުވެ 2.3 މިލިޔަން ރުފިޔާ ދައްކަންޖެހިއްޖެ


  • 2.3 މިލިޔަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު ޢަލީ ޒާހިރަށް އެންގި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓާއި، ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

މޮރިޝަސް ކޮމާޝަލް ބޭންކަށް 2.3 މިލިޔަން ރުފިޔާ ދައްކަން އެ ބޭންކުން 2018 ވަނަ އަހަރު ޢަލީ ޒާހިރަށް އެންގީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތި، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ޗެކަށް ފައިސާ ދޫކުރުމުންނެވެ. ޢަލީ ޒާހިރުގެ އެކައުންޓުން ދޫކުރި ޗެކަށް ފައިސާ ނެގީ ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓަރީ އަދި ޙައްޖު ކޯޕަރޭޝަންގެ ޗެއާމަން ޢަބްދުﷲ ނަޞީރު މުހައްމަދެވެ.

ޢަލީ ޒާހިރު ޗެކް ދޫކުރީ އޭނާގެ އެކައުންޓަށް ހަތަރު މިލިޔަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބުމުންނެވެ. ނަމަވެސް އޭރު ފައިސާ ޖަމާ ނުވިޔަސް، ބޭންކުން ޗެކަށް ފައިސާ ދޫކުރިއެވެ. އަދި ފަހުން އޭނާއަށް އެމްސީބީން އެންގީ 2.3 މިލިޔަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. ޢަލީ ޒާހިރު ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާޠިލް ކުރުމަށެވެ.

ބޭންކުގެ އެ އެންގުން ބާޠިލްކުރަން ޢަލީ ޒާހިރުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓާއި، ހައި ކޯޓުންވެސް ނިންމާފައި އޮތީ އެ ފައިސާ ޢަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ.

އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައި ވަނީ އެކައުންޓްގައި ފައިސާ ނެތަސް، ޗެކެއް ދޫކުރުމުން ފައިސާ ދޫކުރުމުގެ އިޚްތިޔާރު ބޭންކްތަކަށް ގާނޫނުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެކައުންޓްގައި ފައިސާ ނެތަސް، އޯވް ޑްރާފްޓްގެ ގޮތުގައި ފައިސާ ދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް އެމްސީބީން ކަސްޓަމަރުންނާ އެކު ހެދޭ އެއްބަސްވުމުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ޙުކުމްގައިވެއެވެ.

އެ ފައިސާ ޢަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެކަމަށް ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ. އެގޮތަށް ހުކުމް ކުރެއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ތިން ފަނޑިޔާރުންގެ މެންޗުން ބެއްލެވި އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަކީ އެ ފައިސާ ޢަލީ ޒާހިރުގެ ފަރާތުން ދައްކަން ނުޖެހޭނެ ކަމަށެވެ. އެ ރައުޔުގައިވަނީ އެކައުންޓްގައި ފައިސާ ނެތީސް، އޯވާޑްރޯކޮށްގެން ފައިސާ ދޫކުރުމުގެ ބާރު ބޭންކްތަކަށް އޮންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ނޫން ކަމަށް ވިދާޅުވެފައިވެއެވެ. އަދި 2.3 މިލިއަން ރުފިޔާގެ ޗެކް ދޫކުރިއިރު އަލީ ޒާހިރުގެ އެކައުންޓްގައި ހުރީ އެންމެ 500ރ. ކަމަށާއި އެހެންވެ، އެ އެހާ ބޮޑު އަދަދެއް އެމްސީބީން ދޫކުރީ ބޭންކަށް އޮޅިގެން ކަމަށް ބެލެވޭ ކަމަށް އެ ރައުޔުގައިވެއެވެ.