ޚަބަރު

މިނިވަންދުވަހުގެ ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ


  • ހަވީރު 16:00 އިން 18:00 އަށް އުޅަނދު ދުއްވުން މަނާވާނެ

މިނިވަން ދުވަހު ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި މާލޭގައި އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓް ކޯއާއި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ، ޖުލައި މަހުގެ 26ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެދަށުން މިނިވަން ދުވަހާއި ޢާންމުކޮށް ބާއްވަމުން އަންނަ ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މިއަހަރު މިނިވަންދުވަސް ފާހަގަކުރުމަށް ރަސްމީ ޖަލްސާ ބާއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބުކުރައްވާނެއެވެ.

ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ މިނިވަން ދުވަސް، ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރު، 1887 ވަނަ އަހަރުން ފެށިގެން އިނގިރޭސި ސަރުކާރުގެ އަޅުވެތިކަމުގައި ރާއްޖެ އޮތް އޮތުމަށް ނިމުން ގެނެސް، މިނިވަންކަމުގެ އެގްރީމެންޓުގައި އޭރުގެ ބޮޑު ވަޒީރު ރައީސް އިބްރާހީމް ނާޞިރު ސޮއިކުރައްވާ ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެއީ އެއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

މިގޮތުން މިއަހަރު ފާހަގަކުރާނީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހެވެ.