ކުޅިވަރު

ޕެރިސް އޮލިމްޕިކްސް އަށް ފަހު އެންޖެލިކް ކާބާ ޓެނިހުން ރިޓަޔާކުރަނީ


ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ކާމިޔާބުކޮށްފައިވާ، ޖަރުމަނުގެ އެންޖެލިކް ކާބާ ވަނީ މިފަހަރުގެ ޕެރިސް އޮލިމްޕިކްސް އަށް ފަހު ޓެނިހުން ރިޓަޔާކުރަން ނިންމައިފައެވެ.

ކާބާ، 36، ވަނީ 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސްގައި ޖަރުމަނާއެކު ރިހި މެޑެލް ހާސިލްކޮށްފައެވެ. ޓެނިހުގައި އެ އަހަރު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން، އެ އަހަރުގެ ޔޫއެސް އޯޕަން އާއި އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރިއިރު، ޓެނިހުގައި ދުނިޔޭގެ ރޭންކިންގ ގެ އެއްވަނަ މަގާމަށް ޖެހިލިއެވެ.

ވާތުން ކުޅޭ، ކާބާ ވަނީ، 2018 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް، ރޮލާންޑް ގަރޮސްގެ ކްލޭ ކޯޓުގައި ކުޅޭ ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލަށް ދެ ފަހަރު ދަތުރުކޮށްފައެވެ. މި ފަހަރުގެ އޮލިމްޕިކްސްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވެސް ރޮލާންޑް ގަރޮސްގައެވެ.

ސޯޝަލް މީޑިއާގައި ކާބާ ލިޔުނު ޕޯސްޓެއްގައިވަނީ، މިއީ ނިންމާ ރޮނގު ކަމަށެވެ. އަދި މިފަހަރުގެ އޮލިމްޕިކްސް ފެށުމުގެ ކުރީން، 2024 ވަނަ އަހަރުގެ މި އިވެންޓް ހަނދާނުން ފޮހެނުލެވޭނެ ކަމަށާއި، އެއީ މި ފަހަރުގެ ގޭމްސްގައި ވާދަކުރުމަށްފަހު ޕްރޮފެޝަނަލް ޓެނިހުން ރިޓަޔާކުރާތީ ކަމަށެވެ.

އަދި، މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ނަމަވެސް އެކަން އެގޮތަށް ހީނުވާ ކަމަށް ވެސް ކާބާ ބުންޏެވެ. އެއީ، އެ ކުޅިވަރު ދެކެ އޭނާ ވާ ލޯތްބެއްގެ ބޮޑުކަމުން ކަމަށާއި، ދޫކުރެވުނު ހަނދާންތަކާއި ލިބުނު ފުރުޞަތުތަކަށް ޝުކުރުވެރިވާ ކަމަށް ވެސް ކާބާ ވަނީ ބުނެފައެވެ.

އޭނާ ވަނީ، 2022 ވަނަ އަހަރުގެ ވިމްބްލްޑަންއަށް ފަހު ވިހެއުމަށްޓަކައި، ޓެނިހުން ކުޑަ ބްރޭކެއް ނަގައިފައެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލިއާނާ ނަމަކަށް ކިޔާ އަންހެން ދަރިއަކު ވިހެއުމަށްފަހު، ކާބަރ އެނބުރި ޓެނިސް ދަނޑުތަކަށް ނިކުތީ 2024 ގެ ކުރީކޮޅު އެވެ. މި އަހަރު އޭނާ އެންމެ ދުރަށް ދަތުރުކުރީ އިންޑިއަން ވެލްސް އާއި ރޯމް އޯޕަންގެ ގަދަ 16 އަށެވެ.

ކާބާ އޭނާގެ ކެރިއަރ ނިންމާލީ 14 ޑަބްލިއުޓީއޭ މުބާރާތް ކާމިޔާބުކޮށް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި 34 ހަފްތާ ހޭދަކުރުމަށްފަހުގައެވެ. އޭނާއަކީ މިހާރު ކުޅެމުންދާ އަންހެން ކުޅުންތެރިންގެ ތެރެއިން 4 ގްރޭންޑް ސްލޭމްގެ ތެރެއިން 3 ގްރޭންޑް ސްލޭމް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. އަދި އޭނާގެ ކެރިއަރުގައި 30 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އިނާމުގެ ގޮތުގައި ހޯދާފައިވެއެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓް ކުރިއަށްދާނީ ޖުލައި 27 އިން އޯގަސްޓް 4 ގެ ނިޔަލަށެވެ. މި އިވެންޓްގައި ކާބާ، އަށް އޮތީ ފުރަތަމަ ބުރުގައި ދުނިޔޭގެ ރޭންކިންގ ގެ 102 ވަނައިގައި އުޅޭ ޖަޕާނުގެ ނައޯމީ އޮސާކާއާ ދެކޮޅަށެވެ.