ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކޮންކްރިޓް ފައުންޑޭޝަންގެ މަސައްކަތް ޖުލައިމަހު ފަށްޓަވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޮންކްރީޓް މަސައްކަތް ފެއްޓެވުމުގެ ކުރިން، އެކަމަށް ހައްދަވަންޖެހޭ 5 ޕްލެޓްފޯމްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ މިހާރު ގާތްގަނޑަކަށް 3 މަސްދުވަސް މިވަނީ ވެފައެވެ. 3 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ހައުސިންގ މިނިސްޓަރ ފާހަގަކުރައްވައެވެ. ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއިން، ފެބުރުއަރީ މަހު މޮބިލައިޒޭޝަންގެ މަސައްކަތް ފަށާ، މިހާ ހިސާބަށް އައިއިރު، ބްރިޖްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ޓްރެސަލް ބްރިޖްގެ މަސައްކަތެވެ.
img:http://s3.psmnews.mv/images/660x400/14616851125462.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް ފައިލް
5 ޕްލެޓްފޯމްގެ މަސައްކަތް ނިމި، 20 ޕައިލްވެސް ބަހައްޓާ މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދާ ޓްރެސަލް ބްރިޖްގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމައި، ޖުލައި މަހުގެ ތެރޭގައި ކޮންކްރީޓް ފައުންޑޭޝަންގެ މަސައްކަތް ފެށުމަށް މިހާރު ވަނީ އަމާޒުކުރައްވާފައެވެ.
ފެނުގެ އަޑިއަށް ހުންނަ ބައި ނިންމައި، 8 ސެޕްޓެމްބަރ 2016 ގައި ތަނބުތަކުގެ މަލަ ފެންނަން ފަށާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެއަށްފަހު ތަނބުތަކުގެ މަތިން ބްރިޖްގެ ބައިތައް ގުޅުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ބްރިޖްގެ ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް ފަށާނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގައެވެ. ބްރިޖްގެ، މާލެ އަދި ހުޅުލެ ގުޅޭބައި 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފަށާގޮތަށް ވަނީ ޕްލޭން ކޮށްފައެވެ.
img:http://s3.psmnews.mv/images/660x400/14610560061436.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް - ފައިލް ފޮޓޯ: ޕީއެސްއެމް
ބްރިޖް އެޅުމަށް 210 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެތެރެއިން 124 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. 12.6 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ކުރައްވާ ހޭދައެވެ. ޗައިނާ ސަރުކާރުން ދިން 124 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ އިތުރަށްވެސް ޗައިނާ ސަރުކާރުން ލުއި ލޯނުގެ ގޮތުގައި މާލީ އެހީތެރިކަން ލިބިދިނުމަށް ވަނީ ނިންމަވާފައެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްދާއިރު، މިތަން ބަލާލުމަށް ގިނަ ޢަދަދެއްގެ ބަޔަކު ލޮނުޒިޔާރަތްކޮޅަށް ޖަމާވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.