ޚަބަރު

މިނިވަންކަމަށް ލޮޅުމެއް ނާންނަ މިންވަރަށް ދާޚިލީކަންކަން ހަރުދަނާ ކުރާނަން: އިޙްސާން


  • ވަޒީރު ވިދާޅުވީ ވުޒާރާގެ ކަންކަން ތަންފީޒު ކުރައްވަނީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށް

މިނިވަންކަމަށް ލޮޅުމެއް ނާންނަ މިންވަރަށް ދާޚިލީ ސަލާމަތާ ގުޅޭ ކަންކަން ބައްޓަންކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ދާޚިލީ ވަޒީރު މިހެން ވިދާޅުވީ، މިހަފްތާގެ ހޭޔަނބޯ ޕްރޮގްރާމުގެ ޚައްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ހޭޔަންބޯ ޕްރޮގްރާމުގައި ވިދާޅުވީ އައު ސަރުކާރު އުފެދިގެން އައިއިރު ވަޒީރުކަން ކުރުމުގެ ފުރުޞަތު ލިބުމުން އެކަމަށް ނިކުންނެވީކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ ދަޚިލީ ސަލާމަތާއިގުޅޭ ކަންކަމަކީ ރާއްޖޭގައި އިސްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ގޮންޖެހުން ބޮޑު އެއް ދާއިރާ ކަމަށެވެ. އަދި މި ދާއިރާގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ، ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އައިސްދާނެފަދަ ކަންކަންވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ ދާޚިލީ ކަންކަމާ ގުޅޭ ނިންމުންތައް ނިންމާއިރު އެއްގޮތަކަށްވެސް ހުރިހާ އެންމެން ހިތްހަމަ ޖެހޭގޮތަށް ނިންމުންތައް ނިންމެން ނޯންނަކަމަށާއި ނަމަވެސް އެއީ ކުރަންޖެހޭ މުހިއްމު ކަންތައްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ބައެއް ނިންމުންތަކަކީ މީހަކު ހިތްހަމަ ޖެހުނަސް ނުޖެހުނަސް ނިންމަން ޖެހޭ ކަންކަން. އަޅުގަނޑަށް އޮތް ޔަޤީންކަމަކީ ރައީސްގެ އިރުޝާދާއެކު އިރާދަކުރެއްވިޔާ މިކަން ކާމިޔާބު ކުރާނެކަން. ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ވަރަކަށް ލޮޅުމެއް ނާންނަ ވަރަށް ދާޚިލީކަންކަން ބައްޓަން ކުރާނަން އަޅުގަނޑުމެން" ވަޒީީރު ވިދާޅުވިއެވެ.

އެގޮތުން ހަމައެކަނި ވަޒީރަކަށް ކަންކަން ނިންމެން ނޯންނައިރު ދާޚިލީ ދާއިރާގެ މައްސަލަތައް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ ގޮތަށް ކަމަށާއި ވަޒީރުގެ ހައިސިއްޔަތުން އެންމެ އިސްކަންދޭންޖެހޭ މުހިއްމު ކަންކަން ތަންފީޒު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޤައުމެއްގެ ވެރިއެއްގެ އަޒުމް ވަރުގަދަވެއްޖެނަމަ ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ދައުލަތުގެ މުޢައްސަސާއެއްގައި ފެންވަރުގައި މަސައްކަތް ކުރާއިރު ވަފާތެރިކަމާއި ނަޒާހަތްތެރިކަން އަދި ޚިދުމަތްތެރިކަން ވަރަށް މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ޖެހޭ އިންޓަގްރިޓީއޭ ބުނާ ބަހުގެ މާނަ. އެމީހެއްގެ ގޮތުގައި ހުރުން. ގޮތުގައި ހުންނައިރު ދައުލަތުގެ ފައިސާގައި އަތް ނުލާނެ. ދައުލަތުން ޚިދުމަތް ދޭން ޖެހޭ ކަންކަމުގައި ލަސް ނުކުރާނެ. ދައުލަތުން އަވަހަށް ކުރަން އޮތް ކަންކަން އަވަސް ކުރާނެ" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ އެފަދަ ސިފަތައް ހުރިހާ އެންމެންގެ ކިބައިގަ ނުހުންނަ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވަރަށް ބޮޑަށް މިހާރު އެ ވުޒާރާގެ ދަށުން މަސައްކަތް ކުރާ ދައިރާތަކުގައި މި އަޙްލާޤީ މިންގަނޑު އަށަގަނުވަން ބާރު އަޅަމުންދާ ކަމަށް ވިދާޅުވިއެވެ.