މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންދަނީ ޢާއްމު ފަރާތްތަކުން ޓެކްސީ ސެންޓަރުތައް ޤާއިމުކޮށްގެންނެވެ. ގިނަ ބަޔަކު އެ ޚިދުމަތަކަށް ބަރޯސާވެފައިވާ މި ޚިދުމަތާމެދު ފަހަކަށް އައިސްވަނީ ޝަކުވާ ބޮޑުވެފައެވެ.
އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގު ޗާޖުކުރުމާއި، ވަކި ތަނަކަށް ނޫނީ ނުގެންދާނެކަމަށް ޓެކްސީ ޑްރައިވަރުން ބުނާ މައްސަލަތައް ވަނީ ޢާއްމުވެފައެވެ. މިކަމަށް ސީދާ ނުވަދެ މިމައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.
ސަރުކާރުން ވަނީ ޓެކްސީ މީޓަރުގެ ފްރޭމްވޯކް ހަދާފައެވެ. އަދި މިއަހަރުގެ ތެރޭގައި ޑިޖިޓަލް މީޓަރު ޚިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ނައިބު އަލީ ނިޝާން ވިދާޅުވީ، ޓެކްސީ ދަތުރުތަކަށް އަގު ކަނޑައަޅާއިރު އެ އަގަކީ ބޮޑު އަގެއް ކަމަށް އާންމުންނަށް ޤަބޫލު ކުރެވޭއިރު އެ އަގަކީ ކުޑަ އަގެއް ކަމަށް ޓެކްސީ ޑްރައިވަރުންނަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި އެކަމުގެ ހައްލަކީ ޑިޖިޓަލް މީޓަރުކަމަށް ވުޒާރާއަށް ޤަބޫލު ކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
"މީޓަރު ހަރު ކުރުމޭ އަޅުގަނޑުމެން މި ދަންނަވަނީ ފިޒިކަލް މީޓަރެއްގެ ވާހަކައެއް ނޫން. ކަލްކިއުލޭޝަން ހެދިގެން އެޕެއް މެދުވެރިކޮށް ދުނިޔޭގެ ކުރި އަރާފައިވާ ޤައުމުތަކުން ޓެކްސީގެ ހިދުމަތް ދެމުން އެބަދޭ. އެ މަސައްކަތުގެ ދަށުން ފްރޭމްވޯކް ގާތްގަނޑަކަށް ނިމިފައި މިއޮތީ." ނިޝާން ވިދާޅުވިއެވެ.
ނިޝާން ވަނީ ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދަން ނިންމަވާފައިވާ ގޮތުގެ ޕްލޭންވެސް ހިއްސާ ކުރައްވާފައެވެ.
އެގޮތުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމަލު ކުރާ ފަދައިން ދަތުރު ފަށައިގަންނައިރު ވަކި އަދަދެއް ކަނޑައެޅިފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަޑުކުރުމުގެ ޗާޖާއި މަންޒިލްގެ ދުރުމިނަށް ވެސް ޗާޖު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިޖިޓަލް މީޓަރު ސޮފްޓްވެއަރ ޖެނޭރޭޓްކޮށްގެން، ފޯނަށް އެޕްލިކޭޝަން އަޅައިގެން، އަދަދުތައް ކަލްކިއުލޭޓް ކުރެވިގެންދާނެއެވެ. ނިޝާން ވިދާޅުވީ ޑިޖިޓަލް މީޓަރު ޚިދުމަތް ސަރުކާރުން ތައާރަފްކުރާނީ ޓެކްސީ ސެންޓަރުތަކުގެ މީހުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ސަރުކާރުން ދަނީ ކުރިއަށް އޮތް ތާނގައި އުޅަނދުތަކުގައި ހަރުކޮށްފައިވާ ނަންބަރު ޕްލޭޓަކީ މެޝިނުން ރީޑް ކުރެވޭނެ ގޮތް ހެދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ތިމާވެށްޓާއި ރައްޓެހި ޓެކްސީލައިނެއް ތަޢާރަފްކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޢަމަލުކުރަމުންދާ އުސޫލުން ރައްޔިތުންނަށް ރައްކާތެރި އަދި ރިލަޔަބަލް ޓެކްސީލައިނެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިގޮތުން ޓެކްސީ ލައިންއަކީ ފްރީލާންސް އުޞޫލުން ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށްގެންދޭ ޚިދުމަތެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ތިމާވެށްޓާއި ރައްޓެހި ޚިދުމަތަކަށް ހެދުމަށް، މި ޚިދުމަތް ފަށައިގަންނައިރު މަދުވެގެން %25 އަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކަށް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެންބަރު މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.