ސާފުތާހިރުކަން ކުޑަކޮށް، އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބިދޭސީން ކައްކަމުން ދިޔަ ތަނެއް ބަލާ ޞައްހަ ވިސާ ނެތް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ވިނަރެސް ފްލެޓްތަކުގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި ގަވާއިދާ ޚިލާފަށް އަދި ސާފުތާހިރުކަން ކުޑަކޮށް ކެއިން ބުއިމުގެ ކަންކަން ކުރިއަށް ގެންދާތީ އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
އިމިގްރޭޝަނުން ވިދާޅުވީ ވިނަރެސް ފްލެޓްގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އެތަން ބަލާ ފާސްކޮށްފައިވާ ކަމަށާއި ޓާސްކު ފޯހުން އެވަގުތު އެތަނަށް ދިޔައިރު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތް ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިތަނަކީ ސާފްތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިޖްތިމާޢީ މިންގަނޑާ މުޅިން ޚިލާފަށް ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި، ކެއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނަކަށްވާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މިކަމާއި ގުޅިގެން ހުޅުމާލޭގެ ބެލެނިވެރިފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިދާޅުވީ، އެކޯޕަރޭޝަނަށް މިކަމުގެ ޝަކުވާ ލިބުމާއެކު އެތަން ސާފުކޮށްފައިވާކަމަށެވެ. އަދި ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން އެތަނުގައި ކައްކަމުން ދިޔަ ދިޔުން ހުއްޓުވާފައިވާ ކަމަށެވެ.
މީގެއިތުރުން މިމަހުގެ 28ވަނަ ދުވަހުވެސް ހުޅުމާލެއިން 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.
އަދި އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިމައްސަލަ އިމިގްރޭޝަނުން ތަޙްޤީގު ކުރަމުންދާއިރު މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.