ޚަބަރު

ސިންގަޕޫރު ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ރާއްޖެއަށް ލިބޭނެ: ސިންގަޕޫރުގެ ރައީސް


  • އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރާއްޖޭގެ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި

ސިންގަޕޫރު ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ރާއްޖެއަށް ދެއްވާނެކަމުގެ ޔަޤީންކަން ސިންގަޕޫރުގެ ރައީސް ތަރމަން ޝަންމުގަރަތުނަމް ދެއްވައިފިއެވެ.

އެ ޤައުމުގެ ފަރާތުން މި ޔަޤީންކަން ދެއްވީ ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ތަރމަން ޝަންމުގަރަތުނަމް އަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސިންގަޕޫރުގެ ރައީސް ތަރމަން ޝަންމުގަރަތުނަމްއާއި ލުވޭޒު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ.

އަދި ސިންގަޕޫރާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ. ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ލުވޭޒު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވައިފައިވަނީ 7 މޭ 2024 ގައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރުގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ޚަދީޖާ މުފްލިޙާގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ ޢަބްދުالله އަރުހަމް އާއި ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.