ޚަބަރު

ދަރަނި އަދާނުކުރުމަކީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެކަމެއް: ޚުޠުބާ


  • މިއަދުގެ ޚުޠުބާގެ މައުޟޫއަކީ، "ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށޭ"

  • އިންސާނާ މަރުވުމަށް ފަހު އޭނާގެ ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެކަމަށް

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިހަފްތާގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ، "ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށޭ" އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ، ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމްދީން ހުއްދަކުރާކަމެއް ކަމަށާއި، ނަމަވެސް ދަރަނި ނަގަންވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައިކަމަށާއި، ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫންކަމަށެވެ. އަދި ދަރަނި އަދާކުރަން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި، ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެންކަމަށް ޙުޠުބާގައި ވިދާޅުވިއެވެ.

ދަރަނި ނުދެއްކި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެކަން ވެގެން ނުވާނެކަމަށާއި، އެފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދުކުރުން ކަމަށެވެ. އަދި ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެއްކަމަށާއި، އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއްކަމަށެވެ.

"ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވާ ބަސްފުޅެއްގެ މާނައިގައިވޭ. "މާތް اللهُ، ޝަހީދުންނަށް، ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައި ފާފައެއް ފުއްސަވާހުއްޓެވެ." ވީމާ މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނިއަދާކޮށްދޭން ޖެހޭނެ.ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެއް." ޙުޠުބާގައި ވިދާޅުވިއެވެ.

ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެއްކަަން ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ވިދާޅުވީ އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެކަމަށެވެ.

"ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ، "މީހާގެ ހަށިގަނޑާއި ފުރާނަ ވަކިވާހިނދު، ތިންކަމަކުން އޭނާ ބަރީއަވެގެންވާ ނަމަ ސުވަރުގެ ވަދެވޭ ހުއްޓެވެ. އޭނާ ސުވަރުގެ ވަނުމަށް ހުރަސްއަޅާ ތިން ކަމަކީ، އޭނާގެ ކިބުރުވެރިކަމާއި، ޚިޔާނާތްތެރިކަމާއި އަދި އޭނާގެ ދަރަންޏެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެކެވެ. ޚުޠުބާގައި ވިދާޅުވީ ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށާއި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެއް ކަމަށެވެ. އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.