ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ އިތުރު ބޮޅުތައް ވަރަށް އަވަހަށް ފެންނާނެކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން ވިދާޅުވީ މިފަހަރުގެ ހިނގާލުމަށް ސިފައިން ދުރާލާ ތައްޔާރުވި ކަމަށެވެ.
ހިނގާލުމުން ދައްކުވައިދެނީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުގެ ދަށުން، ސިފައިންގެ އިރުޝާދާއެކު ލީޑަރޝިޕުން އަސްކަރިއްޔާގެ ކަންތައްތައް ކުރިއަށްވުރެން ރަނގަޅަށް ބައްޓަން ކުރުމަށް ކުރައްވާ ބުރަ މަސައްކަތާއި، ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ހިމާޔަތް ކުރުމަށް ދޭ އިސްކަންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހިނގާލުމުން ދައްކުވައިދެނީ އެކަމަށްޓަކައި ތަމްރީނު ކުރެވި ތަރުތީބު ކުރެވި، އެކަތިގަނޑެއްގައި ތިބި ލަޝްކަރެއް އޮތްކަން" ވަޒީރު ޣައްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ލަޝްކަރުގެ ޤާބިލުކަން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުގެ އިތުރު ބޮޅުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.
ވަޒީރު ވަނީ ނަފްސަށްވުރެ ޤައުމު އިސްކުރުމަށް ހުރިހާ ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.
އެއަރ ކޯއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ވެސް ބޭނުން ކުރަން ވަނީ ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޑްރޯން އިތުރުކޮށް، ކަނޑާއި އެއްގަމާއި ވައިގެ އުޅަނދުތައް ސިފައިންގެ ޚިދުމަތަށް އިތުރުކުރައްވާނެ ކަމަށްވެސް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.