ޚަބަރު

މަގުބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް އެކަށީގެންވާ މުއްދަތެއް ދިނުމާގުޅޭ މަޝްވަރާ ފަށައިފި


  • މިހާރު ދީފައިވާ މުއްދަތަށް މަގުބައްތިތައް ރަނގަޅުކުރުމަކީ ކައުންސިލްތަކަށް ދައްޗެއް

  • މަގުބައްތިތައް ރަނގަޅުކުރަންޖެހެނީ ބަޖެޓު ކުރެވިފައި ނެތް ފައިސާއިންކަމަށް ވިދާޅުވި

މަގު ބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ގެންނައުމަށް ބޮޑު ޚަރަދެއް ހިނގާތީ އެކަމަށް އެކަށީގެންވާ މުއްދަތެއް ކައުންސިލްތަކަށް ދިނުމާގުޅޭ މަޝްވަރާތައް ފަށައިފިއެވެ.

އެކަމުގެ މަޝްވަރާތައް ފަށާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ފެނަކަ ކޯޕަރޭޝަނާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.

މިއީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކޮށްފައިވާ ބައްތިތަކަށް އެކަނި ކަރަންޓުދޭން ނިންމައި އެކަމަށް ފެނަކަ ކޯޕަރޭޝަނުން ވަކި މުއްދަތެއް ދީފައިވަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިމަހުގެ 21 ގެ ކުރިން މަގުބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމަކީ ކައުންސިލްތަކަށް ދަތިވާނެކަމެއް ކަމަށާއި މަގުބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި މިކަމަކީ ކައުންސިލްތަކަށް ދީފައިވާ ބަޖެޓަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއްކަމަށާއި 144 ރަށުގެ މަގުބައްތި ރަނގަޅުކުރަން ގާތްގަނޑަކަށް 85 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުބައްތިތައް ރަނގަޅުކުރުމަކީ މުހިންމުކަމެއް ކަމަށެވެ. ނަމަވެސް މިކަން ހައްލުކުރަން ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށާއި މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނާއެކު މަޝްވަރާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މަގުބައްތި ރަނގަޅުކުރުމާ ބެހޭގޮތުން އިއްޔެވެސް ވަޒީރު ވަނީ ފެނަކައާއި ޔޫޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީއާއެކު މަޝްވަރާކޮށްފައެވެ.

ފެނަކައާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ މަގުބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް އިތުރު މުއްދަތެއް ދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޔޫއާރުއޭއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ މަގުބައްތީގެ އަލި ނުލިބި ނުދާނެ ގޮތަކަށް މައްސަލަ ޙައްލުކުރެވެން އޮތް ގޮތާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ގިނަ ބަޔަކު ދިރިއުޅޭ ސަރަޙައްދުތަކުގެ މަގުބައްތިތައް، ފުރަތަމަ ރައްކާތެރި މިންގަނޑަށް ގެނައުމަށް މަޝްވަރާކޮށްފައިވެއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ރ. އުނގޫފާރުގެ މަގުބައްތިތަކުން ކަރަންޓު ލީކުވެ ހިނގި ހާދިސާއެއްގައި އެރަށުގެ ޒުވާނަކުވަނީ ނިޔާވެފައެވެ. އެކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުންވަނީ އެ ކުންފުނިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިހުރި މަގުބައްތިތަކުގެ އިންސްޕެކްޝަނެއް ހަދާފައެވެ.