ޚަބަރު

މިދިޔަ ސަރުކާރުގައި އާރުޑީސީން 161 މިލިޔަން ރުފިޔާ ދޫކުރި؛ އެއްވެސް މައުލޫމާތެއް ފެންނާކަށް ނެތް!


  • ފައިސާ ދޫކޮށްފައިވަނީ ވަކި ކުންފުނިތަކަކަށް ނުވަތަ މީހަކަށް

  • ކުންފުނީގެ އޮޑިޓް ނުހަދާތާ 3 އަހަރުވެއްޖެ

މިދިޔަ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން 161 މިލިއަން ރުފިޔާ ދޫކުރިއިރު އެއްވެސް މައުލޫމާތެއް ފެންނަން ނެތްކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އާރްޑީސީގެ މާލީގެ ހާލަތާއި ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ކުންފުނީގެ މެނޭޖްމަންޓް ވަނީ ހާޒިރުކޮށްފައެވެ.

މިދިޔަ އަހަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އާރްޑީސީއަށް ވަދެ ލިޔެކިޔުންތައް ގެންގޮސްފައެވެ. ފުލުހުން ގެންދިޔަ ލިޔެކިޔުންތަކުގެ ތެރޭގައި ފައިނޭންސް، އެޗްއާރް އަދި އެޑްމިންގެ ލިޔެކިޔުންތައްވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ ފުލުހުން ގެންދިޔަ ފައިނޭންޝަލް ލިޔެކިޔުންތައް މީގެ ދެ ހަފްތާ ކުރިން ލިބިފައިވާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ލިޔެކިޔުންތަކަށް ބަލާއިރު 2022 ވަނަ 66 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ ދޫކުރީ ކީއްކުރަންކަން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ. އަދި އޭގެ ފަހުން 95 މިލިއަން ރުފިޔާ އެއްވެސް ލިޔެކިޔުމެއް ނެތި އޭރުގެ މެނޭޖްމަންޓުން ދޫކޮށްފައިވާ ކަމަށެވެ.

އެ ފައިސާ ދޫކޮށްފައިވާކަން ކުންފުންޏަށް އެނގުނީ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓްތަކަށް ބެލުމުންކަން ފާހަގަކުރައްވާ ޒުހައިރު ވިދާޅުވީ ފައިސާ ދޫކޮށްފައިވާ ޓްރެންޑަށް ބެލުމުން އެއީ ވަކި ކުންފުނިތަކަކަށް އެކަނި ދޫކޮށްފައިވާ ފައިސާކަން ހާމަވާ ކަމަށެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުޤީޤު ކުރަމުންދާތީ މިވަގުތު އެކުންފުނީގެ ނުވަތަ މީހުންގެ ނަން ހާމަކުރެވެން ނެތް ކަމަށެވެ. އަދި މިހާ ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައި ހުރުމުން މިކަމާއި ގުޅިގެން އެކުންފުނިން ވެސް އޮޑިޓެއް ފަށާފައިވާކަމަށް ޒުހައިރު ވިދާޅުވިއެވެ. އެއޮޑިޓް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވިއެވެ.

އެކުންފުނިން ވިދާޅުވީ މިއޮޑިޓާއި ގުޅިގެން ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށް، ކުންފުނީގެ ސީއެފްއޯ ވެސް މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ އިންތިޤާލީ މަރުހަލާގައި މާލީ ވުޒާރާއިން އާރްޑީސީއަށް ފައިސާ ފޯރުކޮށްދީފައި ހުރި ޓްރެންޑަށް ބަލާއިރު ޖުލައި މަހުން ނޮވެންބަރަށް ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރުގައި 90 މިލިއަން ރުފިޔާ އެވުޒާރާއިން ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު އެކައުންޓުގައި ބާކީ ހުރީ 4 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.

އާރްޑީސީގެ ކުރީގެ މެނޭޖްމަންޓުން ވަރަށް ގިނަ އަދަދަކަށް ބިދޭސީ މުވައްޒަފުން ނަގާ، އެއްވެސް މަސައްކަތެއް ހަވާލުކޮށްފައިނުވާކަން ފާހަގަކުރައްވާ ޒުހައިރު ވިދާޅުވީ އެމުވައްޒަފުން ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އާރްޑީސީން ވަރަށް ގިނަ ވެހިކަލްތައް ވެސް ބޮޑު އަގުގައި ކުއްޔަށް ނަގާފައިވުމުން ކުންފުނީގެ ޚަރަދުތައް އިތުރުވިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭރު ވެހިކަލްތަކުގެ ކުއްޔަށް އެކަނި މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ވަނީ އާރްޑީސީގެ ކޮރަޕްޝަނާ ގުޅޭ ތަހުޤީޤުގެ އެންމެ ފަހުގެ މައުލޫމާތު އޭސީސީ އާއި ފުލުހުންގެ ފަރާތުން ހޯދުމަށް ނިންމާފައެވެ. އަދި އާރްޑީސީގެ އެކައުންޓްތަކުން އެހެން އެކައުންޓްތަކަށް ޖަމާވި ފައިސާ އެނގޭނެ ގޮތަށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމަށް ވެސް ވަނީ ނިންމާފައެވެ.