ޚަބަރު

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހީންގެ މަޢުލޫމާތު ހައި ކޮމިޝަނާ ޙިއްސާކުރަން އެދިއްޖެ


  • އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތައް އަންނަނީ ހިނގަމުން

  • އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައިވޭ

އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހީންގެ މައުލޫމާތު އެ ޤައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ހިއްސާ ކުރުމަށް އެ ކޮމިޝަނުން އެދިވަޑައިގެންފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ކޮންސިއުލަރ އީމެއިލް ([email protected]) މެދުވެރިކޮށް އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހީންނަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހައި ކޮމިޝަނަށް އެކަން އެންގުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިގޮތަށް އެދިފައިވަނީ އެ ޤައުމުގެ ހުޅަނގުއުތުރު ހާޓްލީޕޫލްގެ ރަށެއް ކަމުގައިވާ ސައުތުޕޯޓްގައި ދިން ވަޅީގެ ޙަމަލާތަކެއްގައި ތިން ކުޑަކުދިން މަރުވުމުން ފެށި މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ. ސައުތުޕޯޓާއި ލިވަރޕޫލްގެ އިތުރުން ވެރިރަށް ލަންޑަނުގައި ފެށި މުޒާހަރާތަކުގެ ބައިވެރިން އެންމެ ފުރަތަމަ ޙަމަލާ ދީފައި ވަނީ މިސްކިތްތަކަށެވެ. އެއަށްފަހު, އެ މީހުން ވަނީ މުދަލަކަށް ގެއްލުންދީ, ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ.

މުޒާހަރާގެ ބައިވެރިން މިސްކިތްތަކަށް ޙަމަލާ ދީފައި ވަނީ, ސައުތުޕޯޓުގައި ވަޅިން ޙަމަލާދީ މަރައިލި ތިން ކުޑަކުދިންގެ ގާތިލަކީ އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މުސްލިމެއް ކަމަށް ބުނެ, ސޯޝަލް މީޑިޔާގައި ދޮގު މަޢުލޫމާތުތަކެއް ފެތުރުމާ ގުޅިގެންނެވެ. ނަމަވެސް, ފުލުހުން ވަނީ އެ އަމަލު ހިންގާފައިވާ 17 އަހަރުގެ އެކްސެލް ރޫޑެކުބާނާއަކީ އިނގިރޭސިވިލާތަށް އުފަން, އެ ޤައުމުގެ ރައްޔިތެއް ކަން ހާމަ ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އަދި އެ ޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށްވެސް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކުރައްވާފައިވެއެވެ. ޚާއްޞަކޮށް ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވައެވެ.

އެވުޒާރާއިން ވަނީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިވަޑައިގެންފައެވެ. އަދި އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ޚަރީޖީ ވުޒާރާއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތަކުން ދިވެހި ހައިކޮމިޝަނާއި ގުޅުއްވުމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ އެދިވަޑައިގެންފައެވެ.