ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ކަރަންޓް މަސައްކަތް ދަސްކޮށްދޭ ކޯހެއް ފަށައިފި


  • މި ކޯސް ކުރިއަށްގެންދަނީ ޕޮލިޓެކްނީކާ ގުޅިގެން

  • މިއީ 6 މަސް ދުވަހުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް

  • މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތެއް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އަމާޒުކޮށް ޢިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން "އިލެކްޓްރިކް އިންސްޓޯލްމެން އަދި މެއިންޓަނެންސް ކޯސް" ފަށައިފިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން މި ކޯސް ޚާއްސަ ކޮށްފައިވަނީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރަތްތަކަށެވެ.

މި ކޯހަކީ 6 މަސް ދުވަހުގެ މުއްދަތަކައް ކުރިއަށްގެންދާ ކޯހެކެވެ. ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ހިންގާ މި ކޯހަކީ އިލެކްޓްރިކް އިންސްޓޯލްމެންޓާއި މެއިންޓަނެންސްގެ ދާއިރާއިން ޤައުމީ ސެޓްފިކްޓް ލެވެލް 3 ގެ ކޯހެކެވެ. އަދި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ގޭގެއަށް ގޮސް ކަރަންޓް މަސައްކަތް ކުރުމުގެ ލައިސެންސެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ޢިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ 17 އަށް ވުރެ ގިނަ މީހުން މި ކޯހުގައި ބައިވެރިވެފައިވާކަމަށެވެ.

ޕޮލިޓެކްނިކްއާއި ގުޅިގެން ހިންގާ މިފަދަ ކޯސްތަކަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދުމަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއްކަމަށް ޢިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ ވަޒީފާގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައި، އެމީހުން ބާރުވެރިކުރުމަށް ބާރުއެޅުއްވުމަށް ހިންގާ ކޯހެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.