ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ!


  • ޅ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ވަނީ ނެރެފައި

  • މާދަމާ މެންދުރު ފަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބައެއް ސަަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމަޔަށް މިއަދު މެންދުރު 1:15 އިން ފެށިގެން އިރުއޮއްސި 7:00އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ، ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެއިތުރުން މެދު ރާއްޖެތެެރެއާއި އުތުރުގެ ރަށްތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި އަދި ރާއްޖޭގެ އުތުރަށް އާދައިގެވަރަކަށް ކަނޑު ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ މާދަމާ މެންދުރުފަހުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް މޫސުން ރަނގަޅުވާނެކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް، ޙާއްސަކޮށް ކަނޑު ދަތުރުކުރެއްވުމުގައި ސަމާލުކަން ދެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.