ޚަބަރު

ޝިޔާމްގެ 700 ފޮތުގެ "ފޮތް އަލަމާރި" ޤައުމީ ކުތުބުޚާނާއަށް


  • ޝިޔާމް ވިދާޅުވީ އުންމީދަކީ ހަދިޔާކުރި ފޮތްތަކުން އެހެން މީހުންނަށް މަންފާކުރުންކަމަށް

  • އެންމެ ދުވަސްވީ ގޮތަކަށް ހަދިޔާ ކުރެއްވީ 58 އަހަރުވީ މަޖައްލާއެއް

ލިޔުންތެރިކަމުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ އަޙްމަދު ޝިޔާމްގެ ފޮތް އަލަމާރި ޤައުމީ ކުތުބުޚާނާއަށް ހަދިޔާކުރައްވައިފިއެވެ.

ފޮތް ހަދިޔާކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އަޙްމަދު ޝިޔާމް ވިދާޅުވީ އޭނާ ހަދިޔާކޮށްފައިވަނީ 700 ފޮތް ކަމަށެވެ. އަދި ހަދިޔާކޮށްފައިވަނީ އޭނާގެ އަތުގައިހުރި 95 އިންސައްތަ ފޮތް ކަމަށާއި ބައެއް ފޮތްތައް ބެހެއްޓީ ކުރިއަށް އޮތްތަނުގައި ލިޔާ ލިޔުންތަކަށް ބޭނުންވެދާނެތީކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ މައިގަނޑު މަޤުޞަދަކީ ފޮތްތަކުން މަޢުލޫމާތު ލިބި، އޭގެ މަންފާ އެހެން މީހުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ މިފޮތްތަކުން އަޅުގަނޑު ނެތް ދުނިޔެއެއްގައި އެހެން މީހަކަށް ފައިދާ ކުރުން. މިހެންވެ އަޅުގަނޑު ނިންމީ މިކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ޤައުމީ ކުތުބުޚާނާއަށް ފޮތް ހަދިޔާ ކުރުމޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވިގޮތުގައި ހަދިޔާ ކުރެވުނު ފޮތްތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ފޮތަކީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ނެރުނު މަޖައްލާއެކެވެ. އެއީ އެކުވެރިންގެ ރޫހުގެ ނަމުގައި (ކޮޕީ) މުޙައްމަދު ރަޝީދު ނެރުނު މަޖައްލާއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް 700 ފޮތް ހަދިޔާކުރުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ކިނާން ވިދާޅުވީ ކޮންމެ މީހަކުވެސް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަކީ ލައިބްރަރީން މަރުޙަބާ ކިޔާނެ ކަމެއް ކަމަށެވެ. އަދި މިއީ ޤައުމީ ކުތުބުޚާނާ ކުރިއެރުވުމަށްކުރާ މަސައްކަތަށް ލިބޭ ބާރެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވީހާވެސް ގިނަ ބަޔަކު ލައިބްރަރީއާ ގުޅުން ބަދަހިކޮށް، ލައިބްރަރީއަށް ޒިޔާރަތްކޮށް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް" ކިނާން ވިދާޅުވިއެވެ.

އަޙްމަދު ޝިޔާމަކީ 40 އަހަރު ވަންދެން ސަރުކާރު ވަޒީފާތަކުގައި މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. އަދި އޭނާއަކީ ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1985 ވަނަ އަހަރުން ފެށިގެން ހަވީރު ނޫހުގައި މަސައްކަތް ކުރެއްވިއެވެ. އަދި ވަގުތު ނޫހުގެ އެޑިޓަރުކަންވެސް ކުރެއްވިއެވެ.

ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތްކުރެއްވުމަށްދަހު ޝިޔާމް އެންމެ ފަހުން މަސައްކަތްކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމުގައެވެ. އައިކޮމް 10 އަހަރު އޭނާ ހޭދަކުރެއްވިއެވެ.

ދިވެހި ޕަބްލިޝިން ގުރޫޕުގެ ނަމުގައި ޝިޔާމް ގެންދަވަނީ ތަފާތު ފޮތްތައް ނެރުއްވަމުންނެވެ. އެގޮތުން ސިނަމާލެ ބްރިޖާ ބެހޭގޮތުން ލިޔެފައިވާ ފޮތަކާއި ރާއްޖޭގެ އޭވިއޭޝަންގެ ތާރީޚާ ބެހޭގޮތުން ލިޔެފައިވާ ފޮތެއްވެސް އެ ޕަބްލިޝިން ގުރޫޕުން ނެރުނު ފޮތްތަކުގެ ތެރޭގައި ހިމެނެއެވެ.