ޚަބަރު

އޯޕަން ހާޓް ސަރޖަރީ ހިމެނޭހެން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ދާއިރާތައް ތަރައްޤީކުރަނީ


  • ކެންސަރު ބައްޔާއި ހިތުގެ ބައްޔާއި ސްޓްރޯކްގެ ބައްޔާއި ސިކުނޑީގެ ބަލިތަކުގެ ފަރުވާއަށް އިސްކަންދޭނެ

ރާއްޖެއިން އެންމެ ގިނަ މީހުން ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާ ބަލިތަކުގެ ދާއިރާތަކަށް އިސްކަންދީގެން އެދާއިރާތައް ތަރައްޤީކުރުމުގެ މަސައްކަތް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ފަށައިފިއެވެ. އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ޝާހު މާހިރު ވިދާޅުވީ ކެންސަރު ބައްޔާއި، ހިތުގެ ބައްޔާއި، ސްޓްރޯކްގެ ބައްޔާއި، ސިކުނޑީގެ ބަލިތަކަށް ޚާއްސަކޮށްގެން އެދާއިރާއިން ދެވޭ ފަރުވާތައް ރާއްޖޭގައި ތަރައްޤީކުރުމަށް ރާވާފައިވަކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ވަރަށް އަވަހަށް އޯޕަން ހާޓް ސަރޖަރީ ހަދަން ޕްލޭން ކުރެވިފައިވާކަމަށްވެސް ޑރ. ޝާހް ވިދާޅުވިއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ހުޅުވިތާ 29 އަހަރުވަނީ ވެފައެވެ. އެ ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއަކީ ގާތްގަޑަކަށް 350 އެނދެވެ.

އައިޖީއެމްއެޗުން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުގެންދެވޭ އެއް ސަބަބަކީ އެނދުގެ ޢަދަދު މަދުވުންކަން ފާހަގަކުރައްވާ ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް 74 އެނދުގެ 4 ފަންގިފިލާގެ ޢިމާރާތް އެޅުމާއެކު އިތުރު ބަލިމީހުން އެޑްމިޓް ކުރުމުގެ ފުރުޞަތު ލިބި، ޚިދުމަތްތައް އިތުރު ހަރުފަތަކަށް ފުޅާވެގެންދާނެ ކަމަށެވެ.

މީގެއިތުރުންވެސް އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށާއި، މިގޮތުން ވެސްކިއުލަރ ސަރޖަރީވެސް ތަޢާރަފްކުރައްވާނެކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

"މިފަދަ ޝްޕެޝަލިޓީތައް އުފެދުމުން މުޅި ސިއްހީ ހިދުމަތްތައް އިތުރުވެގެންދާނެ. ބޮޑެތި ސަޖަރީތައް ހަދާ ކަމަށްވާނަމަ އިންޓެންސިވް ކެއަރގެ ހިދުމަތް ފުޅާކުރަން ޖެހޭނެ. ހުރި ޝްޕެޝަލިޓީ ވެސް އެހެން ހަރުފަތަކަށް ގެންދިޔުން މަސައްކަތަކީ. އައިޖީއެމްއެޗް ހޮސްޕިޓަލަކީ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ހެދުމަކީ އަމާޒު" ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

މުޅި ސިއްހީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން އައިޖީއެމްއެޗް ހިދުމަތްތައް ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.