ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ 28 ރަށެއްގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމައި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ ދެގައުމުގެ ތާރީޚީ ގުޅުން އަންނަންއޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިއުމަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖަޔަޝަންކަރުގެ ދަތުރުފުޅަކީ ދެ ގައުމުގެ ތާރީޚީ ގުޅުން އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ޖައިޝަންކަރުގެ ދަތުރަކީ ދެ ގައުމުގެ ތާރީޚީ ގުޅުން އިތުރަށް ހަރުދަނާވަމުން އަންނަ ކަމުގެ ހެއްކެއް. ދެ ގައުމުގެ ތާރީޚީ ގުޅުން އަންނަން އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް އައި ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުގެ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވަން. އުންމީދަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ވެގެންދިޔުން" ރައީސް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއާއެކު އާންމުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަރުވައި، ޤައުމުގެ ކުރިއެރުމަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި އެ މަޝްރޫޢުތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ރަމްޒުކޮށްދޭ މަޝްރޫއުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށާ، ރާއްޖެއަށް ބޭނުންވާ ކޮންމެ ވަގުތަކު އެހީ ފޯރުކޮށްދިނުމުގައި އަބަދުވެސް ރާއްޖޭގެ މުހިންމު ބައިވެރިއެއްގެގޮތުގައި އިންޑިއާ އޮންނަކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ވަމުން އަންނަ ދީލަތި އެހީތެރިކަމަށްޓަކައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ރައީސްވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނަށް ދައުވަތު ދެއްވައި އަދި އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތުމުން އެ ޤައުމުން ބެހެއްޓި ގާތް ކަމާއި މެހްމާންދާރީއަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާތަކެއްވެސް ކުރެވުނު ކަމަށެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމުގެމައްޗަށް ވާހަކަފުޅު ދެއްކެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.