ޚަބަރު

އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭނެ އަދަދު ކަނޑައެޅުމަށް ދިރާސާއެއް ހަދަނީ


  • ދިރާސާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިސްލާމީ ޔުނިވަރސިޓީއާ

  • 120 ދުވަހުގެ ތެރޭގައި ދިރާސާ ނިންމަންޖެހޭ

މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭނެ އަދަދު ކަނޑައެޅުމަށް ދިރާސާއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ދުއްވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ދިރާސާއަކާއި އެސެސްމެންޓެއް ހެދޭނެ ކަމަށެވެ.

ދިރާސާ ހެދުމަށް އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މި މަސައްކަތުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 625700 ރުފިޔާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަޞީރެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދެވެ.

މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ، މަގުމަތި ބާރުބޮޑުވާ މައްސަލައަކީ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައަކަށްވާއިރު މި ދިރާސާގެ ސަބަބުން މާލޭގައި އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެކަށޭނެ އަދަދެއް ކަނޑައެޅޭނެކަމަށްވެސް ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.