ޚަބަރު

އައިޖީއެމްއެޗްގެ ކްލިނިކަލް ޚިދުމަތްތައް މިއަދު ބަންދު


  • އިމަރޖެންސީ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ

ސަރުކާރު ބަންދުވުމުން މިއަދު އައިޖީއެމްއެޗުގެ ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅުމުން ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް، އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުން އިމަރޖެންސީ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށްވެސް އެހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު އެހޮސްޕިޓަލުގެ ނަމްބަރު 3335335 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.