ރެކޯޑުތަކުން ދައްކާގޮތުގައި މާލެސިޓީއަށް އާންމުކޮށް 2 ގަޑިއިރުގެ ތެރޭގައި 45 މިލިމީޓަރުގެ ވާރޭ ވެހުނަސް ފެންބޮޑުވާ ކަމަށާއި، އިއްޔެ އެކަނިވެސް 80 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ކަވަރޭޖުގައި ވާހަކަދައްކަވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ޙުސެއިން ވަޙީދު ވިދާޅުވީ 3 ގަޑިއިރާ ބައިގެ ތެރޭގައި މާލެއަށް 80 މިލިމީޓަރުގެ ވާރޭ ވެހުނުއިރު އެއީ އާންމުކޮށް އެ ގަޑިއިރުގެ ތެރޭގައި މާލެއަށް ވާރޭވެހޭ މިންވަރުގެ ދެގުނަ ކަމަށެވެ.
ޙުސައިން ވަޙީދު ވިދާޅުވީ މިއަހަރުގެ ހުޅަނގު މޫސުމުގައި އާންމުކޮށް ވެހޭ މިންވަރަށް ވަރަށްވުރެ ގިނައިން ވާރޭވެހޭނެކަން އެ އިދާރާއިން ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ. ހުޅަނދު މޫސުން ފެށުމުގެ ކުރިންވެސް މިއަހަރަކީ ގިނައިން ވާރޭވެހޭނެ އަހަރެއްކަން ދެނެގަނެވިފައިވާކަމަށާއި، އެ އިދާރާއިން އެކަމަށް ދުރާލާ ތައްޔާރުވިކަމަށް ޙުސައިން ވަޙީދު ވިދާޅުވިއެވެ.
ޙުސައިން ވަޙީދު ވިދާޅުވީ ވިއްސާރަ އަލިވިޔަސް މިއަހަރުގެ ޑިސެންބަރު މަހާ ހަމައަށް ހުޅަނގު މޫސުން ދެމިގެންދާނެކަމަށެވެ.
"ހުޅަނގު މޫސުމުގެ ދުވަސްތައް އަދިވެސް އޮތީ ކުރިއަށް. މި ވިއްސާރަ އަލިވިޔަސް ކުރިއަށް މިއަހަރުގެ ޑިސެމްބަރާ ހަމައަށް މި މޫސުން ކުރިއަށް ދެމިގެންދާނެ. ސެޕްޓެމްބަރު އޮކްޓޯބަރު ނޮވެމްބަރު އަދި ވަރަށް ގިނަ މަސްތައް އެބައޮތް ކުރިއަށް މިއަހަރުގެ ހުޅަނގު މޫސުމުގައިވެސް. އަޅުގަނޑުމެން އެއް މަސް ދުވަހުގެ ފޯކާސްޓް ތައްޔާރުކުރަން. މިއަހަރުގެ ހުޅަނގު މޫސުން ލަފާކުކުރެވިފައިވަނީ އާންމުކޮށް ވެހޭ ވަރަށް ވުރެން ގިނައިން ވާރޭވެހޭނެކަން" ޙުސައިން ވަޙީދު ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާނެ ކަމަށް ލަފާކުރައްވާފައެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.