ޚަބަރު

ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް


  • ޕާކިސްތާނުގެ ރައްޔިތުންނާއި ބައެއް ދިވެހިން މި ރަސްމިއްޔާތުގައި ބައިވެރިވި

ޕާކިސްތާނުގެ 78 ވަނަ މިނިވަންދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި އުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި، ބައެއް ދިވެހިންވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ދިދަ ނަންގަވާ ދެއްވީ ޕާކިސްތާނުން ރާއްޖޭއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލަނީއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާޙަކަފުޅުގައި ޕާކިސްތާނު ސަފީރު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ޕާކިސްތާނުގެ ރައްޔިތުންނަށް އަރިސްކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެެވެ.

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޤައުމުގެ ސަގާފީ ހުށަހެޅުންތަކާއި މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައްވެސް ކުރިއަށްދިޔައެވެ.