ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ގެނަން ސަރުކާރުން ނިންމަވައިފިއެވެ. މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ޑްރާފްޓް ބިލް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވާފައެވެ.
ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އޮންނަނީ ހަމައެކަނި، މަރުގެ މައްސަލަތަކަށެވެ. އެހެންކަމުން، މިއީ މަރުގެ މައްސަލަތައް ފިޔަވައި އިތުރު މައްސަލައެއްގައި މިފަދަ ހަރުކަށި އަދަބެއް ދޭން ހުށަހެޅި ފުރަތަމަ ފަހަރެވެ.
މިހާރު ޢަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ އެންމެ ހަރުކަށި އަދަބަކީ ޢުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއާއި ދިހަ މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އެހެންކަމުން މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭން ކަނޑައަޅާ ފުރަތަމަފަހަރުވެސްމެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ސަރުކާރުން ގެންނަން ފެންނަ އިޞްލާހުގެ ޑްރާފްޓް ބިލުގެ ޖަދުވަލު 1ގައި ވަނީ 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ހިމަނާފައެވެ. އެގޮތުން 139 ބާވަތެއްގެ މަސްތުވާތަކެތި އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޑްރާފްޓް ބިލުގެ އިބާރާތުގައި ބަޔާންކޮށްފައިވަނީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ވިސްނާ އިސްލާހުތަކުގެ ތެރޭގައި ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި، ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެއެވެ. އެގޮތުން މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީވެސް ޓްރެފިކްކުރުން ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
ޑްރަގު ކޯޓަށް ލިބޭ ބާރުތަކުގެ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑަލްކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ބަންދު އަމުރާ މެދު ގޮތެއް ނިންމުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުންވެސް ހިމެނެއެވެ. ކުރިން މިކަންކަން ކުރަނީ ކްރިމިނަލް ކޯޓުންނެވެ.
މީގެ އިތުރުން ކުރިން ޑްރަގު ކޯޓަށާއި ޕްރޮސިކިއުޓާރ ޖެނެރަލަށް އިހުތިޔާރީކޮށް އޮތް ބައެއް ކަންކަން އެއީ ތަންފީޒުކުރަން މަޖުބޫރު ކަންކަމުގެ ގޮތުގައި އިބާރާތް ބަދަލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފަރުވާގެ އަމުރާ ޚިލާފުވާ މީހުންނަށް ފިޔަވަޅު އެޅުން ހަރުކަށި ކުރުމާއި، ނުކޮށް ދޫކޮށްލާ ދައުވާތައް އުފުލުން ހިމެނެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް މައްސަލައެވެ. އެގޮތުން މިދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.