ޚަބަރު

ފަޔާޒުގެ މައްސަލައިގައި ބައެއް ހެކީން ހާޒިރުނުކުރުމަށް ނިންމައިފި


ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސިފައިންގެ ކުރީގެ އިންޓެލިޖެންސް ވެރިޔާގެ އަޙުމަދު ފަޔާޒްގެ މައްޗަށް ދައުލަތުން ދަޢުވާކުރާ މައްސަލައިގައި ދިފާޢީ ހެއްކެއްގެ ގޮތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ހެކިބަސް ނުނެންގެވުމަށް ކުރިމިނަލްކޯޓުން ނިންމަވައިފިއެވެ.

ދައުލަތުން އަޙުމަދު ފަޔާޒާ ދެކޮޅަށް ދަޢުވާކުރާ މައްސަލައިން ދިފާޢުވުމަށް 8 ހެއްކެއް ހުށައަޅުއްވާފައިވާއިރު އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ ޢަލީ ޖަލީލާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު ޝާހިދާއި ކުރީގެ އެސިސްޓެންސްޓް ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބްވެސް ހިމެނިވަޑައިގަންނަވައެވެ. 

މި މައްސަލައިގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހެކިބަސް ނުނެންގެވުމަށްވެސް ކޯޓުން މިއަދު ވަނީ ނިންމަވާފައެވެ. މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ އެގޮތަށް ނިންމެވީ ހެކިތަކަށް ބަލާއިރު އެބޭފުޅުން ހާޟިރުކުރެއްވުމަށް ފަނޑިޔާރުންގެ މަޖިލީހަށް ފެނިވަޑައިނުގަންނަވާތީކަމަށެވެ. ކޯޓުން މި ގޮތަށް މިއަދު ނިންމެވިއިރު އެބޭފުޅުން ކޯޓަށް ޙާޒިރުވުމަށް ޗިޓްވެސް ކުރިން ފޮނުއްވަވާފައިވެއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށައެޅި ބައެއް ހެކިންގެ ހެކިބަސްވެސް ނަގާފައިވެއެވެ. މި މައްސަލާގައި މީގެކުރިން ދިހަ މީހެއްގެ ހެކިބަސް ނަގައިފައިވެއެވެ. ދައުލަތުން އަޙުމަދު ފަޔާޒާދެކޮޅަށް އުފުއްލަވާފައިވަނީ އަދުލް އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި ޤާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާތަކަށް އޭނާ ވަނީ އިންކާރުކުރައްވާފައެވެ.