ޚަބަރު

ވިއްސާރާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ފަށައިފި


  • ބޮޑެތި ގެއްލުންތަކެއް ލިބުނު ގޭބިސީތަކަށް ޒިޔާރަތް ކުރާނެ

ވިއްސާރާގައި މާލެ ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފަށައިފި ކަމަށް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

އެން.ޑީ.އެމް.އޭގެ އިން ވިދާޅުވީ އަންގާރަ ދުވަހު ކުރި ވިއްސާރާގައި މާލެ ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށެވެ. އަދި ރަށްތަކަށް ލިބުނު ގެއްލުން ތަކުގެ އެސެސްމަންޓްވެސް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަމަށް އެއޮތޯރިޓީން ވިދާޅުވިއެވެ.

މާލެސިޓީގައި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ގޭބިސީތަކަށް ޒިޔާރަތް ކުރުމަށް 11 ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ވެސް އެން.ޑީ.އެމް.އޭ އިން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެން.ޑީ.އެމް.އޭއިން ވިދާޅުވީ އެސެސްމަންޓް ހެދުމަށްފަހު، ސަރުކާރުން ކަނޑައަޅާފައިވާ ރިލީފް ގައިޑްލައިންގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި އެސެސްމަންޓް ހެދުމުގެ މަަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާނެކަމަށްވެސް އެން.ޑީ.އެމް.އޭ އިން ވިދާޅުވިއެވެ.

ވިއްސާރާގައި ފެންބޮޑުވެގެން ހޯމަ ދުވަހު 9 ރަށަކުން އެން.ޑީ.އެމް.އޭއަށް ރިޕޯޓްކުރިއެވެ. އެއީ ސ.މަރަދު، ސ.ފޭދޫ، ސ.ހިތަދޫ، ގއ.ދެއްވަދޫ، ޅ.ނައިފަރު، ޅ.ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ.ބާރަށް، ހއ.ދިއްދޫއެވެ.

އަންގާރަ ދުވަހު ކުރި ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ބައެއް ރަށްތަކާއި މާލޭސިޓީގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރެކޯޑުތަކުން ދައްކާގޮތުގައި މާލެސިޓީއަށް އާންމުކޮށް 2 ގަޑިއިރުގެ ތެރޭގައި 45 މިލިމީޓަރުގެ ވާރޭ ވެހުނަސް ފެންބޮޑުވެއެވެ. އަންގާރަ ދުވަހު އެކަނިވެސް 80 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވެސް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން މޫސުމާގުޅޭ ކަވަރޭޖުގެ ތެރެއިން މޫސުމާ ބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ޙުސެއިން ވަޙީދު ވިދާޅުވީ 3 ގަޑިއިރާ ބައިގެ ތެރޭގައި މާލެއަށް 80 މިލިމީޓަރުގެ ވާރޭ ވެހުނުއިރު އެއީ އާންމުކޮށް އެހާ ވަގުތެއްގައި މާލެއަށް ވާރޭވެހޭ މިންވަރުގެ ދެގުނަ ކަމަށެވެ.

ޙުސައިން ވަޙީދު ވިދާޅުވީ މިއަހަރުގެ ހުޅަނގު މޫސުމުގައި އާންމުކޮށް ވެހޭ މިންވަރަށް ވަރަށްވުރެ ގިނައިން ވާރޭވެހޭނެކަން އެ އިދާރާއިން ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ. ހުޅަނދު މޫސުން ފެށުމުގެ ކުރިންވެސް މިއަހަރަކީ ގިނައިން ވާރޭވެހޭނެ އަހަރެއްކަން ދެނެގަނެވިފައިވާކަމަށާއި، އެ އިދާރާއިން އެކަމަށް ދުރާލާ ތައްޔާރުވިކަމަށް ޙުސައިން ވަޙީދު ވިދާޅުވިއެވެ.

ޙުސައިން ވަޙީދު ވިދާޅުވީ ވިއްސާރަ އަލިވިޔަސް މިއަހަރުގެ ޑިސެންބަރު މަހާ ހަމައަށް ހުޅަނގު މޫސުން ދެމިގެންދާނެކަމަށެވެ.