ޚަބަރު

ދިރާސާގެ އަލީގައި އިޤްތިޞާދީ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދޭނެ: ރައީސް


  • ތެވެލި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

  • ރައީސް ވަނީ މައްސަލަތަކަށް ޙައްލު ހޯދުމުގައި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވާފައި

  • ސަރުކާރުންވަނީ ދިރާސާއަށް ޚާއްސަ ގްރާންޓެއް ތަޢާރަފްކޮށްފައި

ދިރާސާގެ އަލީގައި މަސައްކަތްތައް ބައްޓަންކުރެވިއްޖެނަމަ، އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމަކަށް ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑެތި ޙައްލުތަކެއް ހޯދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިރާސާތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ކޮންފަރެންސް "ތެވެލި"ގެ 7ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ދިރާސާއަކީ ހަމައެކަނި ތަޢުލީމާއި ސިޔާސަތުތައް ހެދުމުގެ ބޭނުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށެވެ. މިއީ ޤައުމަށް ފައިދާހުރި ސިނާޢަތްތައް ކުރިއަރުވާ ކުރިމަގުގައި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށްވެސް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެފަދަ ކުޑަ ޤައުމަކަށް، ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކާއި އާއްމު ޞިއްޙަތު ކުރިއެރުވުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް ގިނަ ހިރާސްތައް ހުރިކަމަށެވެ. މިއީ މުޅި ދުނިޔޭގައިވެސް މިއަދު ގޮންޖެހުން ބޮޑު ދާއިރާތައްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަންކަމަށް ހައްލު ގެނެވެން އޮތް އެންމެ މުހިންމު ގޮތަކީ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ހުރި ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމާ ދިމާލަށް ރާއްޖެއިން މިސްރާބު ޖަހާފައިވާއިރު، މި ޙައްލުތައް ހޯދުމުގައިވެސް އެކި ދާއިރާތަކުން ދިރާސާކުރުމަށް އިންތިހާއަށް ބޭނުންޖެހިފައިވާކަމަށެވެ.

ދިރާސާކުރުމާއި އިޖާދީ ވިސްނުންތަކަށް އިސްކަންދެއްވުމުގެ ގޮތުން ދިރާސާއަށް ޚާއްސަކޮށްގެން ޚާއްސަ ގްރާންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

"ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރިމަގަށް ގިނަ މުހިންމު ކަންތައްތަކެއް ސަރުކާރުން ވަނީ ރާވާފައި. ދަނޑުވެރިކަން، މަސްވެރިކަމުގެ ސިނާޢަތް، ތިމާވެށީގެ އިޖާދުތައް، އާއްމު ސިއްޙަތާ ގުޅޭ ކަންކަން، ފަތުވެރިކަން ފަދަ ދާއިރާތަކުން ގިނަ އިންވެސްޓްމަންޓްތަކެއް އަންނާނެ. މިކަމަށް ދިރާސާ ބޭނުންވޭ. ދިރާސާތަކަށް ބޭނުންވާ އެހީތެރިކަންވެސް ދޭން ސަރުކާރުން ނިންމާފައިވަނީ، މިފަދަ މުހިންމު ކަންކަން ހާސިލްކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިރާސާކުރުމުގެ މަސައްކަތުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އަދި ތަޢުލީމީ މަރުކަޒުތައް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، މުޖުތަމަޢުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދޭނެކަމަށެވެ. އަދި ރާއްޖެއަކީ ކުރިމަގުގައި ނޮލެޖް ހަބަކަށް ހެދިދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރެވިދާނެ މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަކުރެވޭ ދިރާސާތަކެއް ރާއްޖޭގައި ކުރިއަށްގެންދެވިދާނެކަމަށެވެ. އެގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ކުރިއެރުމަށް ބޭނުންވާ އެކިއެކި ދާއިރާތަކުންވެސް ރާއްޖޭގައި ދިރާސާތައް ކުރިއަށްގެންދެވޭނެ ފުރުޞަތު އެބައޮތްކަމަށް ވިދާޅުވެ އެކަމަށް ދިވެހި އަދި ބައިނަލްއަޤްވާމީ ދިރާސާވެރިންނަށް ރައީސުލްޖުމްހޫރިއްޔާވަނީ ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިރާސާގެ މަސައްކަތްތައް ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ތަޢުލީމީ އިންސްޓިޓިއުޝަންތަކުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.