މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯއިން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ބާއްވައިފިއެވެ. މިއީ ވިމެންސް އެޑިޝަން ބޭއްވި ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ބާއްވާފައިވަނީ ހޮޓެލް ޖެންގައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ކަންބޮޑުވުންތަކާއި އެމީހުންނަށް ދިމާވާ ކޮންޖެހުންތައް ހިއްސާކޮށް އެކަންކަމަށް ހައްލު ހޯދުމަށް ބާއްވާ ފޯރަމެއްކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަނީ އެންމެ %5 އަންހެނުންކަން ފާހަގަކުރައްވައި ސޫޒަން ވިދާޅުވީ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މި އަދަދަކީ އިތުރުކުރެވިދާނެ އަދަދެއްކަމަށެވެ.
މި ކޮންފަރެންސްގައި ވާހަކަދައްކާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކަށް އަންހެނުންނަށް ދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ އަންހެނުންނަށް މުޖްތަމައުގެ ފަރާތުން ކުރިމަތިވާ ކަންކަމުގެ މައްޗަށެވެ.
ކޮންފަރެންސްގެ ޕެނަލިސްޓުންގެ ގޮތުގައި ތިބީ މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު އަންހެނުންނެވެ. އޯޑިއަންސްގައި އަންހެނުންނާއި ފިރިހެނުންވެސް ވަނީ ބައިވެރިވެފައެވެ. މި ކޮންފަރެންސް ކުރިއަށްދިޔައީ 1 ދުވަހުގެ މުއްދަތަކަށެވެ. މި ކޮންފަރެންސް ކުރިއަށްއޮތް ތަނުގައި އަތޮޅުތަކުގައިވެސް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.