ޚަބަރު

42 މިލިއަން ޔޫރޯގެ ފީއަކަށް ގެލަގާ އެތުލެޓިކޯ މެޑްރިޑަށް


އުމުރުން 8 އަހަރުން ފެށިގެން ޗެލްސީއަށް ކުޅެމުން އައި އިނގިރޭސިވިލާތުގެ މިޑްފީލްޑަރ ކޮނޯ ގެލަގާ 42 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގެ ދަށުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ. އޭނާ ސޮއި ކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ގެލަގާ މެޑްރިޑަށް ބަދަލުވެފައިވާއިރު، މީގެ ކުރިންވެސް އޭނާ ވަނީ އެ ކްލަބާއިއެކު އެއްބަސްވުމެއް ހެދުމަށް މެޑްރިޑަށް ގޮސް ފަސް ދުވަސް ހޭދަކޮށްފަ އެވެ. ނަމަވެސް އެ ފަހަރު އެކަން ކުރިއަށް ނުދިޔައީ ޗެލްސީން އެތްލެޓިކޯގެ ފޯވަޑް ސަމޫ އޮމޮރޮޑިއޯން ގަންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުގެ ސަބަބުންނެވެ.

ޗެލްސީގެ ޔޫތު ޓީމުން ކުޅުން ފަށާފައިވާ ގެލަގާ ވަނީ 2022 ވަނަ އަހަރު ޗެލްސީގެ ސީނިއާ ޓީމަށް ކުޅުމުގެ ކުރިން ލޯނު އެއްބަސްވުމުގެ ދަށުން ޕްރިމިއާ ލީގުގެ ވެސްޓްބްރޮމިޗް އެލްބިއަން އާއި ކްރިސްޓަލް ޕެލަސްއަށްވެސް ކުޅެފައެވެ.

ޗެލްސީއަށް ގެލަގާ ކުޅެދިން 90 މެޗުގައި އޭނާ ވަނީ 10 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ގައުމީ ޓީމުން ޖާގަ ހޯދާފައިވާ ގެލަގާ ވަނީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިވިލާތަށް ފަސް މެޗުގައި ކުޅެދީފައެވެ.

އެތްލެޓިކޯ މެޑްރިޑަށް ބަދަލުވުމަށްފަހު ގެލަގާ ވަނީ ޗެލްސީގައި ހޭދަކުރި ދުވަސްތަކާއިމެދު އުފާ ކުރާ ކަމަށާއި އެ ކްލަބަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން ކްލަބް ކަމަށްބުނެ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އެތްލެޓިކޯ މެޑްރިޑް އިން ވަނީ މި ސީޒަނަށް އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިން މިއަދު ދައްކާލާފައެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ސިޓީއަށް ކުޅުނު އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒްވެސް ހިމެނެއެވެ.