ޚަބަރު

ޔޫއެސް އޯޕަން މުބާރާތަށް ނިކުންނާނީ ރަނގަޅު ފޯމެއްގައި ހުރެ: ސަބަލެންކާ


އަންނަ އަންގާރަ ދުވަހު އެމެރިކާގެ ނިއު ޔޯކްގައި ފެށުމަށް ހަމަޖެހިފައިވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތާއި ކުރިމަތިލާނީ ހުރިހާ ގޮތަކުންވެސް މީހާ ފިޓްވެ ރަގަޅު ފޯމެއްގައި ހުރެގެން ކަމަށް ދުނިޔޭގެ އަންހެން ދެވަނަ ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ބުނެފި އެވެ.

މުބާރާތުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެލަރޫސްއަށް އުފަން 26 އަހަރުގެ ސަބަލެންކާ ބުނެފައިވަނީ މި ސީޒަން ނިންމާލަން ބޭނުންވަނީ ގްރޭންޑް ސްލޭމް ތައްޓަކާއިއެކު ކަމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރިމަތިވި އަނިޔާގެ މައްސަލަތަކުން އެއްކޮށް ރަގަޅު ވެފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރުމަށްފަހު ދެން ވާދަކުރި ފްރެންޗް އޯޕަން މުބާރާތުގެ ކުއާޓަރ ފައިނަލުން ވަކިވެފައިވަނީ އަނިޔާގެ ސަބަބުންނެވެ. އަދި ކޮންޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވިމްބަލްޑަން މުބާރާތުގައި ވާދަކޮށްފައެއް ނުވެއެވެ.

އަނިޔާއިން އެއްކޮށް ރަގަޅުވުމަށް މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު މިމަހު އެމެރިކާގެ ސިންސިނާޓީގައި ކުރިއަށްދިޔަ ސިންސިނާޓީ އޯޕަން މުބާރާތުގައި ވާދަކޮށްފަ ސަބަލެންކާ ވަނީ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި ޔޫއެސް އޯޕަން މުބާރާތާއި ކުރިމަތިލާއިރު މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއަކީވެސް ސަބަލެންކާ އެވެ.

އޭނާ ބުނެފައިވަނީ މެޗުތަކުގައި ހެދިފައިވާ ގޯސްތަކާއި އަދި މެޗުތަކުން ވެފައިވާ ބައްޔަކީ އެކަންތައްތައް އިތުރަށް ރަގަޅު ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި އޭނާގެ އުންމީދަކީ ޔޫއެސް އޯޕަން މުބާރާތުގެ ތަށި މި ފަހަރު ހޯދުން ކަމަށެވެ.