ޚަބަރު

ފަހު ވަގުތު ބްރައިޓަން އިން މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓެން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗް 1-2 ގެ ނަތީޖާއަކުން ބްރައިޓަން އިން ކާމިޔާބުކޮށްފި އެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް މެންޗެސްޓަރ ޔުނައިޓެޑް އިން ނެރެފައިވަނީ ލީގުގެ ފުރަތަމަ މެޗުގައި ފުލަމް އަތުން މޮޅުވި ފުރަތަމަ އެގާރައެވެ. ނަމަވެސް ބްރައިޓަން އިން ވަނީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ސްކޮޓްލޭންޑްގެ ބިލީ ގިލްމޯ އަށް ފުރަތަމަ ޓީމުން ޖާގަ ދީފައެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅެމެއް ފެނިގެން ގޮސްފައިވީ ނަމަވެސް ފުރަތަމަ 20 މިނިޓަށްފަހު ދެ ޓީމުގެ ކުޅުންވެސް ވަނީ ރަގަޅު ކޮށްފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބްރައިޓަން އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 32 ވަނަ މިނިޓްގައި ޑެނީ ވެލްބެކް އެވެ. މި ލަނޑު ވެލްބެކް ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑްގެ ޑިފެންޑަރުންގެ ފަރުވާ ކުޑަކުރުމުގެ ފައިދާ ނެގުމަށްފަހުގައެވެ. މިއީ ވެލްބެކްގެ 100 ވަނަ ކެރިއާ ގޯލެވެ.

ބްރައިޓަން އިން ލީޑު ނެގިތާ ދެ މިނިޓްފަހުން މާކަސް ރަޝްފާޑް ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ދެވަނަ ހާފަށް މެންޗެސްޓަރ އިން ނިކުތީ ބަދަލަކާއެކުގައެވެ. އެގޮތުން މޭސަން މައުންޓްގެ ބަދަލުގައި ޖޯޝުއާ ޒީކްޒީ ވަނީ ކުޅެން އަރުވާފައެވެ.

މެންޗެސްޓަރ އިން އެ ޓީމުގެ ކުޅުން ރަގަޅުކޮށް ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ހިތްހަމަޖެހުމެއް ލިބިފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ދިއާލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން ގަރްނާޗޯ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޮއާއޯ ޕެޑްރޯ އެވެ.

މި މެޗުން މޮޅުވުމާއެކު ބްރައިޓަން އިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފައެވެ.

2017 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެފައެއް ނުވެއެވެ.