އެކި ޤައުމުތަކުން ފަންޑު ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ފެހި ސިގްނަލް ލިބިފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބަދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރައްވާފައިވާކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމަށް ދައްކަން ޖެހޭ ލޯނު ދެއްކުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށާއި، އިންޑިއާގެޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ކުރައްވާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ އިތުރު ފަންޑިން ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގެ ޤައުމުތަކަށް ވަޑައިގެންނެވިކަމަށެވެ. އެ މަސައްކަތުގައި ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި، ފަންޑު ހޯދުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރައްވަމުންގެންދަވާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
"އިތުރަށް ފަންޑިންގެ ކަންކަމުގައި މަސައްކަތްކުރުމަށް މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅާއެކު އަޅުގަނޑު ދަތުރުކޮށްފިން. މި ހުރިހާ ކަމެއްގައިވެސް އިރާދަކުރެއްވިއްޔާ ގްރީން ސިގްނަލް ލިބިގެން އޭގެ ފްލޯއަޕް މަސައްކަތް ކުރަމުން އެބަދޭ." ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައިވަނީ ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމުގެ އުންމީދު ބޮޑުކަމަށްވެސް ވިދާޅުވެފައެވެ.
"މިހާރުގެ ފޯކާސްޓުތައް އެބަ ރަނގަޅުވޭ. ގްރޯތު ސަސްޓެއިން ކުރެވޭނެ. މިއާއެކު މިހާރު މިހިރަ ޝޯޓް ޓަރމް ޑިފިކަލްޓީސް އިރާާދަކުރެއްވިއްޔާ އަހަރު ނިމޭއިރަށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް. އަޅުގަނޑުމެން މިކުރި މަސައްކަތުގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ ލިބޭނެ،" ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން ރާއްޖޭގައި ޑޮލަރުގެ އާމްދަނީ އިތުރުކުރެވޭނެ ކަމަށެވެ. އަދި ކޮވިޑުގެ ފަހުން ދިމާވި މާލީ ދަތިތަކާއި ފަހުން ކުރިމަތިވި އިޤްތިޞާދީ ދަތިތައް ފިލުވުމަށް ވަގުތު ބޭނުންވާކަން ފާހަގަކުރައްވައި ޚަރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އެކުގައި ކުރެވޭ މަސައްކަތްތަކުން އެ ދަތިތައް ހައްލުކުރެވޭނެ ކަމަށެވެ.