ޚަބަރު

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުވާނީ އިންވެސްޓަރުންނަށް މުހިންމު ހަބަކަށް: ރައީސް


  • ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވީ މޭއި މަހުގެ 16 ވަނަ ދުވަހު

  • މިހާރުވަނީ ބޯޑަށް 3 ބޭފުޅުން ޢައްޔަންކުރައްވާފައި

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްވާނީ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުވަނީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރމަން އަދި ސީއީއޯގެ މަޤާމަށް ވަޑައިގަންނަވާ ދެބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގެ ފުރަތަމަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައިވަނީ މެއިމަހުގެ 16 ވަނަ ދުވަހުގައެވެ. އަދި ޕްރައިވަޓައޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބޭންކްގެ ބޯޑަށް 3 މެންބަރުން ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް މިހާރު ވަނީ ބޭރުގެ ދެ ބޭފުޅުން އައްޔަންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވަނީ ޑިވެލޮޕްމަންޓް ބޭންކުގެ ވެރިންނަށް ވަޑައިގަންނަވާނީ ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކަމަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރމަން އަދި ސީއީއޯގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ނިންމަވާފައިވާ ދެބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގެ ކުރިން އެމަނިކުފާނު ދެއްވި ޚާއްސަ މެސެޖެއްގައި ވަނީ މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މުހިންމު އަދި ތާރީޚީ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ވަރަށް އަވަހަށް ބޭންކް ޤާއިމުކުރެވި ބޮޑެތި މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބޭންކު ވެގެންދާނީ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައިކަމަށެވެ.

"ވަރަށް ތާރީޚީ ކަމެއް މިފެށެނީ. ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް ކުރިއަށްގެންދިޔުމަށް ސަރުކާރުން ގެންގުޅުއްވާ މެނިފެސްޓޯގެ އެންމެ މުހިއްމު އެއްބައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމުގެ އިތުރުން ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އުފައްދަވާފއިވާ ބޭންކެކެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޑިވެލޮޕްމަންޓް ބޭންކު އުފެއްދެވުމުގެ މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާއިރު، ވަރަށް އަވަހަށް ބޭންކުން ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.