ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭނީ އެމީހަކަށް އެންމެ އެކަށޭނަ ވަޒީފާ: އިޖުތިމާޢީ ވުޒާރާ


  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްކުރުމަށް ޚާއްސަ ސެކްޝަނެއް

ސަރުކާރުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭއިރު، އެމީހަކަށް އެންމެ އެކަށިގެންވާ ވަޒީފާއެއް ދިނުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިހެން ވިދާޅުވީ ނުކުލެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ވަޒީފާތައް ދިން ނަމަވެސް، އެމީހުންނަށް ދެވޭ ވަޒީފާތަކަކީ އެމީހަކަށް އެންމެ އެކަށޭނަ ވަޒީފާތަކަކަށްނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އޭގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ އަދާކުރުމުގައި އެކި ގޮންޖެހުންތައް ދިމާވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާތިފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭއިރު އެމީހުންނަށް އަދާކުރެވޭފަދަ އެންމެ އެކަށޭނަ ވަޒީފާ ދިނުން ކަމަށެވެ. އެގޮތުން ވަޒީފާދޭއިރު އެމީހުންގެ ކިބަގައިވާ ހުނަރާއި ޤާބިލްކަމަށް ބެލޭނެކަމަށް ޢާތިފް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްކުރުމަށް އެ ވުޒާރާގައި ޚާއްޞަ ސެކްޝަނެއް އުފައްދަވާފައިވާކަމަށެވެ. އެ ސެކްޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ވަޒީފާ އަދާކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރިމަތިލާންޖެހޭ ދަތިތައް ދެނެގަތުމާއި، ވަޒީފާއަދާކުރުމުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ތަމްރީން ހިންގުން ހިމެނޭކަމަށް ޢާތިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަމްރީން ޕްރޮގުރާމުތައްވެސް އެބަ ހިންގަން. ވަޒީފާދޭ ފަރާތްތައް ކަންބޮޑުވުން ފާޅުކޮށްފައި އެބަހުރި ބައެއް ކުދިންގެ ކިބައިގައި ހުނަރު މަދުވާތީ. އެމަދުވާ ހުނަރު ބަލައި އަޅުގަނޑުމެން ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްރީންކުރަނީ. އަޅުގަނޑުމެން ބޭނުންމެއް ނޫން ހަމައެކަނި އެކުދިން މުސާރަ ނަގައިގެން ތިބޭ ބަޔަކަށްވާން. އަޅުގަނޑުމެން ބޭނުންވަނީ އެކުދިންނަށް އަދާކުރެވޭފަދަ ވަޒީފާތައް ދީގެން މުޖުތަމަޢުގައި އެ ކުދިންގެ ބައިވެރިވުން އިތުރުކުރަން." ޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާތިފް ވިދާޅުވިއެވެ.

ޢާތިފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭ ތަންތަނުގެ މާޙައުލަކީ އެ މީހުންނަށް އެކަށޭނަ މާޙައުލަކަށް ހެދުމަށްވެސް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އެއްވެސް އިދާރާއަކުން ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަލަށް ވަޒީފާދޭނަމަ، އެތަނަކަށް ދުރާލާ ގޮސް މާހައުލު ހުރިގޮތް އެވުޒާރާއިން ބަލާކަމަށްވެސް ޢާތިފް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނަގަތުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިންދަނީ ކުރައްވަމުންނެވެ.