ޚަބަރު

އޮލްމޯގެ ފުރަތަމަ މެޗުގައި ޖެހި ލަނޑާއެކު ބާސެލޯނާއަށް މޮޅެއް


ސްޕެނިޝް ލަލީގާ ގައި ރޭ ރަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގެ 9 ވަނަ މިނިޓްގައި އުނެއި ލޯޕޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް ވަޔެކާނޯ އަށް ލީޑު ނަގައިދީފަ އެވެ. އަދި މި ލަނޑަށްފަހުވެސް އެ ޓީމުން ވަނީ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ބާސެލޯނާ އަށް މި މެޗުގެ ނަތީޖާ އެއްވަރު ކުރެވިފައިވަނީ މެޗުގެ 60 ވަނަ މިނިޓްގައި ޕެޑްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ރަފީނިއާ އާއި ދިން އެސިސްޓަކުންނެވެ.

މި މެޗުން ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެނީ އޮލްމޯ އެވެ. މިއީ ޖަރުމަންގެ ލެއިޕްޒިގް އިން 60 މިލިއަން ޔޫރޯގެ ފީއަކަށް އޭނާ ބާސެލޯނާއަށް ބަދަލުވި ފަހުން އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

އެންމެ ކުޑައިރުވެސް ބާސެލޯނާގެ ޔޫތު ޓީމަށް ކުޅުނު އޮލްމޯ ވަނީ އޭނާގެ އުމުރުން 16 އަހަރުގައި އެކްލަބް ދޫކޮށް ޑައިނަމޯ ޒަގްރެބަށް ބަދަލުވެފައެވެ. އަދި އެ ކްލަބުގައި އޭނާ ދެއްކި މޮޅު ކުޅުމާއިއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފައެވެ.

2020 ވަނަ އަހަރު ލެއިޕްޒިގަށް ބަދަލުވެ އެ ކްލަބުގައި އޭނާ ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ އެކްލަބަށް 107 މެޗު ކުޅެފައެވެ.

އޮލްމޯ ބާސެލޯނާއަށް ބަދަލުވެފައިވަނީ މި މަހުގެ ކުރީކޮޅު 51 މިލިއަން ޕައުންޑްގެ ފީ އަކަށެވެ. ނަމަވެސް ބާސެލޯނާގެ ޓީމުގައި އޭނާ ރަޖިސްޓްރީ ނުކުރެވި ލަސްވެގެން ގޮސްފައިވަނީ ލަލީގާގެ ފައިނޭންޝަލް ގަވާއިދުތައް ބުނާ ކަންތައްތަކެއް ލަސްވުމުގެ ސަބަބުންނެވެ.