ޚަބަރު

ޙަރަދު ކުޑަކުރަން ސިޔާސީ މުވައްޒަފުން ވަކިކުރާނެ ގޮތުގެ ލަފައެއް ރައީސަށް


  • ރައްޔިތުން މާޔޫސްވާ ނިންމެވުމެއް ރައީސް ނުނިންމަވާނެކަމަށް ޕީއެންސީން ބުނޭ

ދައުލަތުގެ ޙަރަދުތައް ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރަން ޖެހިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ ލަފައެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ އިގްތިސާދީ އަދި މާލީ ސިޔާސަތު ހަރުދަނާކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެކި މަޤާމުތަކަށް މިހާރު އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންނާމެދު ޢަމަލުކުރާނެ ގޮތުގެ ލަފައެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވާ ކަމަށެވެ. އަދި އެ ލަފައާމެދު އަމަލުކުރައްވާނެ ގޮތެއް ނިންމަވާނީ ރައީސުުލްޖުމްހޫރިއްޔާކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހި ރައްޔިތުން ކަންބޮޑުވެ، މާޔޫސްވާންޖެހޭ އެއްވެސް ނިންމެވުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުނިންމަވާނެ ކަމަށެވެ.

"ސިޔާސީ މުވައްޒަފުންނާމެދު ޕާޓީން އަރުވަންޖެހޭ ލަފަޔެއް މިހާރު އަރުވަމުން މިގެންދަނީ. އެ ލަފާ ތަންފީޒް ވާނީ ކޮންއިރަކު ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަން ނިންމާނީ ރައީސް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވަނީ ޕީއެންސީ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ފަލާޙު ވިދާޅުވީ މިހާރު ޕާޓީގައި ތިބީ 28000 މެންބަރުން ކަމަށާއި އަމާޒަކީ މިއަހަރުގެ ނޮވެންބަރުމަހުގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ އަދަދު 76000 އަށް އިތުރުކުރުންކަމަށެވެ. އަދި މި މަސައްކަތަކީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ކުރާ މަސައްކަތެއްކަމަށްވެސް ފަލާޙު ވިދާޅުވިއެވެ.

"ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތުން ދޭހަވާ އެއްކަމަކީ ރައީސް މުޢިއްޒުގެ ތާޢީދު އޮތް މިންވަރު. އަންނަ ނޮވެންބަރަށް 76،000 މެންބަރުން އިތުރުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް. އެކަން ވަރަށް ބާރަށް އެބަ ކުރިއަށްދޭ." ފަލާޙު ވިދާޅުވިއެވެ.

ސަރުކާރު ނިސްބަތްވާ މައި ޕާޓީ، ޕީއެންސީގައި މިވަގުތު 28704 މެންބަރުން އެބަތިއްބެވެ..