ޚަބަރު

ރޮނާލްޑޯ އާއި ބުފޮންއަށް ޔޫރަޕުގެ ޝަރަފުވެރި އެވޯޑެއް


ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިޓަލީގެ ގޯލުކީޕަރު ޖިއާންލުއިޖީ ބުފޮންއަށް ޔޫރަޕުގެ ފުޓްބޯޅައިގެ ޝަރަފުވެރި އެވޯޑެއް ދީފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމަށް ރޭ ސްވިޒަލޭންޑްގައި ބޭއްވި ހަފްލާގައި ރޮނާލްޑޯ އަށް ދީފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑެވެ.

ސައުދި އަރަބިއްޔާގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި 141 ލަނޑު ޖަހާފަ އެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސްގައި އޭނާ ހޭދަ ކުރި ދުވަސްތަކުގައެވެ.

ރޮނާލްޑޯ ވަނީ މި މުއްދަތުގެ ތެރޭގައި ފަސް ފަހަރު މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއިއެކު އެއް ފަހަރު އަދި ރެއާލް މެޑްރިޑާއިއެކު ހަތަރު ފަހަރެވެ.

އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ބުފޮން އަށް ލިބިފައިވަނީ ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑެވެ. މިއީ އިޓަލީ އާއި ޔުވެންޓަސްގައި އޭނާ ހޭދަކުރި ކާމިޔާބު ދުވަސްތަކުގެ އަގު ވަޒަންކޮށް ޔޫއެފާއިން ދީފައިވާ އެވޯޑެކެވެ.

އުމުރުން 46 އަހަރުގެ ބުފޮން ވަނީ އިޓާލިއަން ސެރިއާ 10 ފަހަރު ހޯދާފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ހޯދުމުގެ ޝަރަފެއް ބުފޮންއަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ ޔޫއެފާ ކަޕް ނުވަތަ މިހާރުގެ ނަމުންނަމަ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

މި ދެ ކުޅުންތެރިންނަށްވެސް އެވޯޑް ހަވާލުކޮށްދީފައިވަނީ ޔޫއެފާގެ ރައީސް އެލެކްސެންޑަރ ކެފަރިން އެވެ. އެވޯޑާއި ހަވާލުވުމަށްފަހު މި ދެ ކުޅުންތެރިންވެސް ވަނީ ޗެމްޕިއަންސް ލީގުގެ ޑްރޯގައި ބައިވެރިވެފައެވެ.