މި ސަރުކާރުން މަސައްކަތްކުރަނީ ޤައުމުގައި އުފެދިފައިވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދުމަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެންޝަނަލް ސަރވިސްގެ 29 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
29 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް 36 އޮފިސަރަކު ވަނީ ފުރިހަމަކޮށްފައެވެ. މާފުށީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގައި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށްކަމަށެވެ. އަދި ޤައުމު ބިނާކުރުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ މަސައްކަތައް ޝުކުރު ޙައްޤުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ، ޤައުމު ބިނާކުރުމަށްޓަކައި ހުރިހާ މުވައްސަސާއަކުންވެސް އެއް އަޒުމެއްގައި މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި އެމަގުން މަސައްކަތްކޮށްފިނަމަ ރާއްޖެއަކީ ސަރަހައްދުގައި ކުރިއަރާފައިވާ ޤައުމަކަށް ވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު ޤައުމު އައިސް މިއޮތް ހިސާބުން ތަމްރީންގައި ތިޔަކުދިން ހަމައެކަނި ކުޑަކުޑަކަމެއް އަޅުގަނޑު ދަންނަވާލާނަން ފައިތިލަ ސާބިތުކުރުމަށް އެތިކްސް، ޑިސިޕްލިން، ލައިފްސްކިލްސް، ޖެނެރަލް ނޮލެޖް އަދި ކަމާބެހޭ ފަންނީ އެކިއެކި ކަންކަން ދަސްކުރަމުން ދިޔައިރުގައި އަޅުގަނޑުމެން މިއަދު ފިލާވަޅު މުޅި ދައުލަތް ނަގަންމިޖެހެނީ ހުރިހައި މުވައްސަސާތަކެއް ޤައުމު ބިނާކުރުމުގައި އެއް އަމާޒަކަށް ގެންދިއުމުގައި އެއްވަރެއްގައި ފައިތިލަ ސާބިތުކުރަން ޖެހޭކަން" ވަޒީރު ސައީދު ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެންޝަނަލް ސަރވިސްގެ އަސާސީ ތަމްރީނަކީ 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި 8 މޮޑިއުލްއެއް ވަނީ ކިޔަވާދީފައެވެ. ކޯހުގައި ކިޔަވައިދިން ބައެއް ކަންކަމުގެ ތެރޭގައި ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް، ލީޑަރޝިޕްގެ ހުނަރުތައް، ބާރުގެ ބޭނުންކުރާނެގޮތާއި ހާލަތްތައް، އެމަޖެންސީ ހާލަތެއްގައި ފުރަތަމަ އެހީ ދޭނެގޮތާއި އަލިފާނުގެ ހާދިސާގައި ކަންކުރާނެގޮތް ހިމެނެއެވެ. މީގެއިތުރުން ޖަލަށް ވަދެ ނިކުމެ ހަދާއިރު ގައިދީން ފާސްކުރުމާއި، ޖަލުގެ ސެކިއުރިޓީ އަދި ޤާނޫނާއި ޤަވައިދަށް އަހުލުވެރިކުރުވުމާއި ބެހޭގޮތުން ވަނީ މައުލޫމާތުދީފައެވެ.
މި ކޯހުން ހުރިހައި ގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވިފައިވަނީ ޕްރިޒަން ފްރައިވެޓް އަޙްމަދު އަމާންއެވެ.