ޚަބަރު

ސިނާ މޮޅުވެ ގަދަ 16 ގެ ޖާގައެއް ހޯދައިފި


އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ ހޯދައިފިއެވެ.

އިޓަލީގެ ސިނާ މި މުބާރާތުގެ ގަދަ ސޯޅައިގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ އޮސްޓްރޭލިއާގެ ކްރިސްޓޮފަރ އޮކޮނެލް އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ އެމެރިކާގެ ސެރީނާ ވިލިއަމްސް ވެސް ސްޓޭޑިއަމުން ފެނިގެން ގޮސްފައިވާ މި މެޗު ސިނާ ކާމިޔާބު ކޮށްފައިވަނީ 6-1, 6-4 އަދި 6-2 ގެ ނަތީޖާ އަކުންނެވެ.

ގަދަ ސޯޅައިގައި ސިނާ އާއި ދެކޮޅަށް ހޯމަ ދުވަހު ނިކުންނަ އެމެރިކާގެ ޓޯމީ ޕޯލް ވަނީ ހަތަރުވަނަ ބުރުގައި ކެނެޑާގެ ގެބްރިއެލް ޑިއާލޯ އާއި ދެކޮޅަށް ކުޅުނު މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގައި ސާދަ ވަނައަށް ސީޑު ކޮށްފައިވާ ޕޯލް މި މެޗުގެ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 6-7, 6-3, 6-1 އަދި 7-6 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގައި އިއްޔެ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕަރ ކުޅުނު މެޗު އޭނާ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ. މުބާރާތުގައި ސީޑުކޮށްފައިނުވާ ބޮޓިކް ވެންޑާޒެލްޝުޕް އާއި ދެކޮޅަށް ކުޅުނު މެޗު އޭނާ ކާމިޔާބުކޮށްފައިވަނީ 6-3, 6-4 އަދި 6-2 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގެ އަންހެން އިވެންޓުގައި އިއްޔެ އިޓަލީގެ ޖޭސްމީން ޕައޮލީނީ ވަނީ ކަޒަކްސްތާންގެ ޔޫލިއާ ޕުޓިންޓްސޭވާ ސީދާ ދެ ސެޓުން ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ. އޭނާ މި މެޗުގެ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 6-3 އަދި 6-4 ގެ ނަތީޖާ އަކުންނެވެ.

އެންމެ ފަހުގެ ފްރެންޗް އޯޕަން އަދި ވިމްބަލްޑަން މުބާރާތުގެ ފައިނަލުގައި ކުޅެފައިވާ ޕައޮލީނާ ހަތަރު ވަނަ ބުރުގައި ނިކުންނާނީ ޗެކް ރިޕަބްލިކްގެ ކެރޮލޯނާ މުޗޯވާ އާއި ދެކޮޅަށެވެ.