ޚަބަރު

އިންޑޮނޭޝިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ އުއްމީދެއް: ރައީސް


  • އިންޑޮނޭޝިއާއާއެކު ސިޔާސީގުޅުން ޤާއިމުކުރިތާ 50 އަހަރު ވަނީ ފުރިފައި

  • ދުވަހުގެ ތަހުނިޔާ ރައީސް ވަނީ އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާ އިންޑޮނޭޝިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ފޮނުއްވައިފިއެވެ.

އިންޑޮނޭޝިއާގެ ރައީސަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ފާހަގަކުރައްވައި މި މުނާސަބަތުގެ ހެޔޮއެދުންތައް އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުންތައް ވޭތުވެދިޔަ އަހަރުތަކުގައި އިތުރަށް ކުރިއަރައި ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި އިންޑޮނޭޝިއާގެ ރައީސާއި އެޤައުމުގެ ސަރުކާރާއި އެކުގައި މަސައްކަތްކުރައްވައި، ދެޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވަމުން ގެންދެވުމަށާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑޮނޭޝިއާގެ ރައީސަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖެއިން އިންޑޮނޭޝިއާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 2 ސެޕްޓެމްބަރު 1974 ގައެވެ.