ޚަބަރު

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު އަދި ނުވިސްނަން: ރޮނާލްޑޯ


ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު އަދި ނުވިސްނާ ކަމަށާއި، ރަނގަޅު ވަގުތު ޖެހުމުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑް އާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ ދެ މެޗަށް ނެގި ސްކޮޑުގައި ހިމަނާފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ރޮނާލްޑޯ ބުނެފައިވަނީ ގައުމީ ޓީމު ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް އިއްޔެ ރޮނާލްޑޯ ބުނެފައިވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އުނދަގޫ ނިންމުމެއް ނޫން ކަމަށާއި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ ކަމަށް ގަބޫލުކުރެވޭ ނަމަ ގައުމީ ޓީމާއި ދުރަށް ދާނެ ފުރަތަމަ ކުޅުންތެރިއަކީ އޭނާ ކަމަށެވެ.

މިހާތަނަށް ޕޯޗުގަލް އަށް 212 މެޗު ކުޅެދީ 130 ލަނޑު ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ ވެފައިވަނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އަށެވެ. ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު މަތިން ހޯދާފައިވާ ރޮނާލްޑޯ އަށް ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ސައުދި އަރަބިއްޔާގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ ރޮނާލްޑޯ ވަނީ މީގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅެ އެ ދެ ކްލަބާއިއެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.

މިދިޔަ މަހު ރޮނާލްޑޯ ބުނެފައިވަނީ ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލާނެކަން ކުރީބައިގައި ހާމަ ނުކުރާނެ ކަމަށާއި އެއީ ވަރަށް ވިސްނުމަށްފަހު އޭނާ ނިންމާނެ ނިންމުމެއް ކަމަށެވެ. އަދި އޭނާ ކްލަބް ފުޓްބޯޅަ އާއި ދުރަށް ދާނީ އަލް ނަސްރުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.