ޚަބަރު

މެސީ ރަނގަޅުވާން އަދި ވަގުތު ނަގާނެ: ސްކަލޯނީ


އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަނިޔާއިން ސަލާމަތްވެ، އަލުން ކުޅުމުގެ ތެރެއަށް އަންނަން އަދި ވަގުތު ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި މިރޭ ޗިލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްކަލޯނީ ބުނެފައިވަނީ އޭނާ މެސީއާ ވާހަކަ ދެއްކި ކަމަށާއި، އަދި ފަޔަށް ލިބިފައިވާ އަނިޔާ ރަގަޅު ވަމުން އަންނަ ކަމަށް މެސީ ބުނެފައިވާ ކަމަށެވެ. އަދި އަނިޔާއިން އެއްކޮށް ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އަންނަން ވަގުތު ނަގާނެކަމަށް ސްކަލޯނީ ވަނީ ބުނެފައެވެ.

މެސީގެ ފަޔަށް އަނިޔާ ވެފައިވަނީ ނިމިގެންދިޔަ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އަނިޔާގެ ސަބަބުން ފައިނަލު މެޗުގެ ދެވަނަ ހާފްގައި މެސީ ބަދަލުކުރި ނަމަވެސް، އާޖެންޓީނާއިން ވަނީ ކޮލަމްބިއާ ބަލިކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

ޗލީއާ ދެކޮޅަށް ކުޅުމަށްފަހު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކޮލިފައިންގައި ދެން ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ކޮލިފައިންގައި އާޖެންޓީނާ މިވަގުތު 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު ޗިލީ އޮތީ ފަސް ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގަ އެވެ.