ޚަބަރު

ކްރޮއޭޝިއާއާ ދެކޮޅަށް ފަސޭހައެއް ނުވާނެ: މާޓިނޭޒް


ޔުއެފާ ނޭޝަންސް ލީގުގެ ކޮލިފައިންގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޕޯޗުގަލްގެ ލިސްބަންގައި މިރޭ ރާއްޖެ ގަޑިން 11:45 ގައި ކުޅޭ މި މެޗަށް އެ ޓީމުން ތައްޔާރުވަމުންދާއިރު, މާޓިނޭޒް ބުނެފައިވަނީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކްރޮއޭޝިއާ ކަޓައިގެން ދިޔަ ނަމަވެސް އެ ޓީމަކީ އުނދަގޫ ޓީމެއް ކަމަށެވެ. މިއީ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުން ކްރޮއޭޝިއާ ކަޓައިގެން ދިޔަ ފުރަތަމަ ފަހަރެވެ.

މާޓިނޭޒް ބުނެފައިވަނީ ސްޕޭނާއި ދެކޮޅަށް ކްރޮއޭޝިއާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެ މެޗުން ބަލިވެފައިވަނީ ސްޕޭނުގެ ވިނިންގ މެންޓަލިޓީގެ ސަބަބުން ކަމަށެވެ.

މި މެޗަށް ޕޯޗުގަލްގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާއިރު, އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ, ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވެފަ އެވެ. އަދި ދާދި ފަހުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް ބުނެފަ އެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ގޯލެއް ފެނިއްޖެނަމަ އެއީ އޭނާގެ 900 ވަނަ ގޯލެވެ.

މިރޭ ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުމަށްފަހު އަންނަ އާދީއްތަ ދުވަހު ޕޯޗުގަލް ނިކުންނާނީ ސްކޮޓްލޭންޑާއި ދެކޮޅަށެވެ. މިރޭ ކުޅޭ ފޯރިގަދަ އެހެން މެޗުތަކުގެ ތެރޭގައި ސާބިއާ އާއި ދެކޮޅަށް ސްޕެއިން ނުކުންނަ މެޗާއި, ޑެންމާކާއި ސްވިޓްޒަލަންޑް ބައްދަލުކުރާ މެޗުވެސް ފާހަގަ ކޮށްލެވެއެވެ.